މެލޭޝިޔާގެ ސަބާހްގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ (23 ފެބުރުވަރީ) ދަންވަރުގެ ވަގުތެއްގައި ބޯނިއޯ އައިލެންޑްގެ މެލޭޝިޔާގެ ސަބާހް ސްޓޭޓަށް ވަނީ ރެކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސްފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ސްޓޭޓްގެ ވެރިރަށް ކޮޓާ ކިނަބާލޫއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު އުތުރު އިރުމަތިން، ކަނޑުގެ 619.8 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ދަންވަރު 12:57 ގައެވެ.
މި ބިންހެލުމުގެ ސަބަބުން މީހުންނަށް ގެއްލުމެއް ލިބިފައިވާކަމުގެ ނުވަތަ މުދަލަށް ގެއްލުން ވެފައިވާކަމުގެ ފުރުސަތު ކުޑަކަމަށް ޔޫ.އެސް.ޖީ.އެސް އިން ލަފާކުރެ އެވެ. އަދި ބިންހެލުން އައިސްފައިވާ ފުންމިނަށް ބަލާއިރު، ސުނާމީއެއް އައުމުގެ ފުރުސަތު ނެތްކަމަށް ބުނެ އެމެރިކާގެ ސުނާމީ ވޯނިންގ ސެންޓަރުން އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ.
މެލޭޝިޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައިވަނީ ބިންހެލުމުގެ ބާރުމިން ހުރީ 6.8 ގައި ކަމަށާއި، ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މި ބިންހެލުމުގެ ލޮޅުން ސަބާހްގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކަށާއި ސަރަވަކް ސްޓޭޓްގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ސަބާހް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން މެލޭޝިޔާގެ ގައުމީ ނޫސް އެޖެންސީ ކަމަށްވާ ބެރްނާމާ އަށް މައުލޫމާތު ދިން ގޮތުގައި، މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް ނުރައްކާތެރި ހާދިސާއެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ސްޓޭޝަންތަކަކުން ސަރަހައްދުތައް މޮނިޓަރ ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ހޯމަ ދުވަހުގެ ދަންވަރު މި ބިންހެލުމުގެ ލޮޅުން އިހުސާސް ކުރެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައި ވެއެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ލޮޅުންއަރައި، ގޭގެ ދޮރުތަކުން އަޑުގޮވުން ފަދަ ކަންކަން ވަނީ ތަޖުރިބާކުރެވިފަ އެވެ.
މެލޭޝިޔާ ސަރުކާރުގެ ޖިއޮލޮޖިކަލް އޭޖެންސީއަކުން މިދިޔަ އޮކްޓޯބަރު މަހު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މެލޭޝިޔާގެ ހަ ސްޓޭޓެއް ކަމަށްވާ ފަހަންގް، ތެރެންގާނޫ، ޕޭރަކް، ނެގްރީ ސެމްބިލަން، ސަބާހް އަދި ސަރަވަކް އަކީ ބިންހެލުމުގެ ނުރައްކާ އޮތް ސަރަހައްދުތަކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ވެސް ޖޮހޯރް އަށް ރެކްޓަރ މިންގަނޑުން 2.5 އާއި 4.1 އާ ދެމެދުގެ ބާރުމިނުގެ ބިންހެލުންތަކެއް ވަނީ އައިސްފަ އެވެ.

ރޯދަ ވީއްލަން މީރު މަސްހުންޏެއް ތައްޔާރުކުރާނެ ގޮތް
ރަމަޟާން މަހުގެ ރޯދަ ހިފާ މަޝްހޫރު ބައެއް ފަންނާނުން!
ޑަޔާނާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ތުހުމަތު ކޮށްފި