އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިއަކަށް ސޯޝަލް މީޑިއާގައި ނަސްލީ ތަފާތުކުރި މައްސަލައާއި ގުޅިގެން، އެއީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް، އެ މައްސަލަ ވަގުތުން ބެލުމަށް ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ކިކް އިޓް އައުޓް" އިން ގޮވާލައިފި އެވެ.
ސޯޝަލް މީޑިއާގައި ނަސްލީ ތަފާތުކުރުން އަމާޒުވި ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާ އާއި ބާންލީގެ މިޑްފީލްޑަރު ހެނިބަލް މެޖްބްރީ ހިމެނެ އެވެ.
މި ދެ ކުޅުންތެރިންނަށް ވެސް އިންސްޓަގްރާމް މެދުވެރިކޮށް ނަސްލީ ގޮތުން ފުރައްސާރަކޮށް މެސެޖުތައް ފޮނުވާފައި ވަނީ ސްޓެމްފޯޑް ބްރިޖްގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު އެވެ. މީގެ އިތުރުން، ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ވުލްވްސްގެ ފޯވާޑް ޓޯލޫ އަރޮކޮޑަރޭއަށް ވެސް ނަސްލީ ފުރައްސާރައިގެ މެސެޖުތައް ލިބިފައިވާކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.
ސަންޑަލޭންޑްގެ ވިންގާ ރޮމެއިން މަންޑްލްއަށް ވެސް ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސޯޝަލް މީޑިއާގައި ނަސްލީ ފުރައްސާރައިގެ ބައްތައް އަމާޒުވެފައިވާ ކަމަށް އެ ކްލަބުން ބުނެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން އުމުރުން 22 އަހަރުގެ މަންޑްލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްލާފަ އެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ކިކް އިޓް އައުޓް" އިން ބުނީ، މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިއަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މި ކުޅުންތެރިން ދޭ މެސެޖަކީ ވަރަށް ސާފު މެސެޖެއް: ފިޔަވަޅު އަޅަންޖެހޭ. ކުޅުންތެރިން މިފަދަ އަމަލުތަކަށް ކެތްކުރާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ،" އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެ އެވެ.
ޕްރިމިއާ ލީގުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ލީގުން ބުނި ގޮތުގައި ނަސްލީ ތަފާތުކުރުމުގެ އަމަލެއް ހިންގިކަން ސާބިތުވާ ކޮންމެ މީހަކަށްމެ ހަރުކަށި އަދަބު ލިބޭނެ އެވެ. "ފުޓްބޯޅައަކީ އެންމެންގެ އެއްޗެއް - ނަސްލީ ތަފާތުކުރުމަށް މިތަނަކު ޖާގައެއް ނެތް،" ލީގުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ، ޗެމްޕިއަންސް ލީގު މެޗެއްގައި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ޔޫއެފާއިން ތަހުގީގު ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ޑަޔާނާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ތުހުމަތު ކޮށްފި