މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރޯދަ މަހު އިތުރުގަޑީގެ އެލަވަންސް ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ކުރިން ދިންގޮތަށް ރޯދަ މަހުގެ އިތުރުގަޑީގެ އެލަވަންސް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ރަމަޟާން މަސް ފެށުނުއިރު އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އޯވާޓައިމް ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށެވެ.
އެ ނިންމުމަށް މުވައްޒަފުންނާއި އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
އެމްއޭސީއެލްއިން އޭރު ނިންމާފައިވަނީ ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރާނީ އެ ޑިޕާޓްމަންޓުން ކަނޑައަޅާ ޑިއުޓީ ރޯސްޓާއާ އެއްގޮތަށް ކަމަށާއި އެހެން މަސްމަހެކޭ އެއްގޮތަށް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހު ވެސް އިތުރުގަޑި ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ނަމަ ކަމަށެވެ.
އެމްއޭސީއެލް އިން އުސޫލަށް ބަދަލުގެނެސް ވަނީ މީގެ ކުރީގެ ރޯދަ މަސްތަކާ އެއްގޮތަށް 5 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން އިތުރުގަޑި ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ބަދަލާއެކު އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި އާ ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10 އަކީ ޝިފްޓް ޑިއުޓީ ނޫން މަގާމުތަކުގައި އުޅޭ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މަސައްކަތް ހުންނަގޮތުން ބައެއް މުވައްޒަފުން އޮފީހަށް ނިކުންނަށް ޖެހިދާނެ ކަމަށާއި އެ މުވައްޒަފުންނަށް ކުންފުނީގެ އުސޫލުތަކުގެ ދަށުން ހާފް ޕޭ އެލަވެންސް ދޭނެ ކަމަށެވެ.

48 ގަޑިއިރުގެ ތެރޭގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
ތާރީހުގެ ސަފުހާތަކުން: ރާއްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެއް
ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!