ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން ގާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކުރާތީ އެކަން ނުކުރުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ހުޅުމާލޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާސިމް ހަސަންގެ ކަރަށް ވަޅިން ހަމަލާދީ މަރާލީ އޭނާ ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށެވެ. ގާސިމަށް އަދުހަމް ވަޅިން ހަމަލާދިނީ އޭނާގެ އަތުން ފޭރުމަށެވެ.
އެ މައްސަލާގައި އަދުހަމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނީ ގާސިމްގެ އާއިލާއަށް ގުޅަން އަދުހަމްގެ ފަރާތުން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އަދުހަމްގެ ފަރާތުން އެއްވެސް މީހަކާ މުއާމަލާތް ކުރަން ބޭނުންނުވާ ކަމަށް ގާސިމް އާއިލާއިން ބުނާ ކަމަށް ވަކީލުން ބުންޏެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ގާސިމްގެ އާއިލާގެ އެއްވެސް މީހަކާ މުއާމަލާތް ނުކުރަން އަދުހަމާއި އޭނާގެ ވަކީލުންނަށް އަންގައިފަ އެވެ.
ގާސިމަށް ހަމަލާދިން ކަމަށް އަދުހަމްގެ ފަރާތުން ކުރިން އެއްބަސްވި ނަމަވެސް ފަހުން އެކަމަށް ވަނީ އިންކާރުކޮށްފަ އެވެ. އަދި ތަކުރާރުކޮށް އެކި މަރުހަލާތަކުގައި އެކިގޮތަށް ވާހަކަ ދައްކާފައިވެ އެވެ. އަދި އެ މައްސަލާގައި ދެން އޮންނާނީ އަދުހަމްގެ ފަރާތުން ހައި ކޯޓުގައި ޖަވާބުދާރީވުމެވެ.

ސަރުކާރުން ކުރާ ހަރަދުގެ މައުލޫމާތު އާންމުނުކުރާ މައްސަލަ ބޮޑު
ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި
ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް