ރޯދަ މަސް ފެށުމުގެ ކުރިން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދައްކައި ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެ ފައިސ ރައީސް ވިދާޅުވިގޮތަށް ދެއްކިފައިނުވާކަން "ހުރިހާ"އަށް އެނގިއްޖެ އެވެ.

މިދިޔަ ޑިސެމްބަރު 17، ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރޯދަ މަސް ނިމުމުގެ ކުރިން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީ ނިންމާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ބައެއް އަމިއްލަ ކުންފުނިތަކުން "ހުރިހާ"އަށް ކިޔައިދިންގޮތުގައި ރައީސް އެފަދައިން ވިދާޅުވިޔަސް އެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ.

"ބައެއް ބިލްތަކަށް ފައިސާ ލިބިފައި ވަނީ. އެކަމަކު އަދިވެސް އަޅުގަނޑުމެންނަށް ލިބެންޖެހޭ ބޮޑުބައި ވަނީ ނުލިބި،" އަމިއްލަ ކުންފުންޏެއްގެ އިސްވެރިޔަކު ކިޔައިދިނެވެ.

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިނުމާއި ކުންފުނީގެ ހިންގުމުގެ ހަރަދުތައައް ދެކޮޅު ޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.