ބޭނުންވާ އަދަދަށް ރަޖިސްޓްރީ ނުވުމުގެ ސަބަބުން މިހާރު ނުބަހައްޓަން ނިންމި ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ މީހުން، އެހެން ތަނަކަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ހުޅުލެ އާއި ތިލަފުއްޓާއި ކާޑެއްދު އާއި 21 ރިސޯޓެއްގައި ވޯޓުލުމަށް އެކަށީގެންވާ ވަރަށް ރަޖިސްޓްރީކޮށްފައިނުވާތީ އެ ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ތަނަކަށް ރަޖިސްޓްރީ ބަދަލުުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނަށް ވެސް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ރަޖިސްޓްރީވުމަށް ހުޅުވާލީ މިރޭ 8 އިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30އަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މިއަދު ގެޒެޓް ކުރި އިއުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފި ނަމަ އެ މީހަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ވޯޓުގެ ސިއްރުކަން ގެއްލޭ ވޯޓު ލެވޭ މީހުންގެ ލިސްޓު ވެސް އެ އިއުލާނާ އެކު ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި 5،000އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. ވޯޓުގެ ސިއްރުކަން ގެއްލެނީ، އެ މީހަކު ރީ-ރަޖިސްޓްރީވި ފޮއްޓަކަށް އެ ދާއިރާއެއްގެ ވޯޓު ލެވޭ އެކަކަށްވުރެ މަދުން ރަޖިސްޓްރީވުމުންނެވެ.

ހަފްތާއެއް ތެރޭގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓް
ސުވާލާއި ޖަވާބު: ކުޑަކުދިން ރޯދަ ހިފަން ޖެހެނީ ކޮން އުމުރެއްގައި؟
