ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިންތިހާބު ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެމްޑީޕީން ހައި ކޯޓުގައި އެދެފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. އަދި އެ ގަރާރުގެ ދަށުން ފެންނަ ނުފެންނަ ވޯޓު ބާއްވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު އެވެ.
އެމްޑީޕީން ހައި ކޯޓަށް މިއަދު މައްސަލަ ހުށަހެޅީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފް ނެރުއްވި ގަރާރެއް ކަމަށް ކަނޑައެޅުމަށާއި އަދި އެ މައްސަލަ ނިމެންދެން ފެންނަ ނުފެންނަ ވޯޓު ނެގުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް އަންނަ މަހު ބޮޑު މުޒާހަރާއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.

އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކައި އަދިވެސް ނުނިމޭ
ހާދިސާއަކާ ގުޅިގެން ވެމްކޯގެ މުވައްޒަފަކު ވެންޓިލޭޓަރުގައި
ހުޅުމާލެ އުތުރުން އެދެނީ އެޗްޑީސީގެ އަޅުވެތިކަމުން މިނިވަން ވާން