ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ މީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށާއި އަޒުމަކީ ވެސް އެ މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށާއި އަޒުމަކީ ވެސް އެ މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށެވެ.
ރާއްޖެ އުފެދިފައިވާ ގޮތުން އެންމެ ކުރިން ވެސް ރައްޔިތުން ބޭނުންވާ ކަންތައް ދައުލަތުން ކޮށްދެމުން އައިސްފައިވަނީ ލާމަރުކަޒުކޮށްގެން ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ އެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތޯބުގައި، ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ފާއިތުވި ދެ އަހަރު ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އެގޮތުން، ރަށްރަށުގެ ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތާއި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު މި ސަރުކާރުން ހޯދާނެ ކަމަށާއި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ވެސް ފުރިހަމަކުރާނެ ކަމަށެވެ. އަދި މަގުހެދުން، ބަނދަރުހެދުން ފަދަ އުމްރާނީ އެންމެ ގިނަ މަޝްރޫއު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަން ކުރެއްވި ރައީސް މުއިއްޒުގެ ހިތޯބުގައި، ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވަރު އެކުލަވާލުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް 2.0ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ރާއްޖެއެއްގެ ފަސޭހަތައް ހޯދޭ މިންވަރަކުން، ރަށުގައި ތިބެގެން ހިދުމަތްތައް ހޯދާ، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު އިތުރަށް ތަނަވަސްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭޕްރީލް މަހުގައި އޮންނަ ކައުންސިލް އިންތިހާބާ އެކު ކައުންސިލްތައް އިތުރަށް ބާރުވެރިކުރަން އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު، ކައުންސިލްގެ ދައުރުގެ ފަހު އަހަރު މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއް، ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްތައް ވެސް ވަނީ އުވާާލާފަ އެވެ.

ޝަމްއާން ލޯނަށް ދެއްކީ ބައްޕަ ދިން ފައިސާ: މައިންބަފައިން
އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހެނީ ކޮން ގައުމެއްގައި؟
ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!