މަޝްހޫރު ފުޓްބޯޅަ ތަރި އަދި އަލް ނަސްރާއި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ އަލްމެއިރާ ކްލަބުގެ ހިއްސާ ގަނެފިކަން އޭނާގެ ކޮންސަލްޓިން ފާމުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ބްރަންސްވިކް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ ވެރިއަކު ހުންނަ މި ކްލަބުގެ 25 އިންސައްތަ ހިއްސާ ރޮނާލްޑޯ ގަނެފައިވާ ކަމަށެވެ. މި ހިއްސާ ގަނެފައި ވަނީ ރޮނާލްޑޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "އިންވެސްޓްމަންޓް ސީއާރްސެވެން ސްޕޯޓްސް އިންވެސްޓްމަންޓް" މެދުވެރިކޮށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، ދަނޑުމަތިން ބޭރުން ފުޓްބޯޅައަށް ޚިދުމަތް ކުރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
"ޔޫޑީ އަލްމެއިރާ އަކީ ވަރުގަދަ ބިންގަލެއްގެ މަތީގައި އޮތް، ކުރިއެރުމުގެ ފުރުސަތު ބޮޑު ސްޕެއިންގެ ކްލަބެއް،" ރޮނާލްޑޯ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަލްމެއިރާ ކްލަބަކީ ފާއިތުވި ހަ އަހަރަށް ވުރެ ގިނަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރިންގެ ބެލުމުގެ ދަށުގައި އޮތް ކްލަބެކެވެ. 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި ތުރުކީ އަލް ޝައިޚްގެ އަތުން މި ކްލަބު ގަނެ، މިހާރުގެ ރައީސަކީ މުޙައްމަދު އަލް- ޚުރައިޖީ އެވެ.
އަލް ޚުރައިޖީ ވިދާޅުވީ ރޮނާލްޑޯ ފަދަ ސްޕެއިންގެ ލީގުތައް ރަނގަޅަށް ދަންނަ ފަރާތަކުން ކްލަބުގައި އިންވެސްޓް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބަށް ބަދަލުވީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ ހިއްސާ ގަތް އަލްމެއިރާ މިވަގުތު އޮތީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ތިންވަނަ މަގާމުގަ އެވެ. އެ ކްލަބު އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ 2023 އަދި 2024 ވަނަ ސީޒަނުގަ އެވެ.

ޑެޕިޔުޓީ މޭޔަރު އަރީޝްގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި