ލަޔާންއަށް ޒާރާ ދުވަހަކު ވެސް ނޯޅޭނެ އެވެ. އޭނާގެ ކުދިކުދި ހަރަކާތްތަކާއި އާދަތައް ލަޔާން ހުރީ ހިތުދަސްކޮށްފަ އެވެ. ޒާރާގެ ފައިގެ ފިޔަވަޅުން އެކަނި ވެސް ލަޔާން އޭނާ ދެނެގަންނާނެ އެވެ. އެތައް ބައެއްގެ ތެރެއިން ވިޔަސް ޒާރާގެ ނޭވާއިން ލަޔާންއަށް އޭނާ ވަކިވާނެ އެވެ. އެއީ އެތަކެއް އަހަރުވީ ލޯތްބަކުން އުފެދުނު ވަރުގަދަ ގުޅުމެކެވެ.
ދޮރަށް ތަޅުދަނޑި ޖަހާލުމަށްފަހު ތަޅު ހުޅުވަން ޒާރާ އެންމެ ފުރަތަމަ ހިފީ ކަނާތް ފަރާތަށެވެ. ހިފަން ޖެހޭނީ ވާތް ފަރާތަށްކަން އޭނާ ހަނދާން ނުހުންނަނީ އެވެ. އެކަން ގޭތެރޭގައި ހުރި ލަޔާންއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެއީ ޒާރާ ގެއަށް އައިކަން އޭނާ ވަކިކުރާ ގޮތެވެ.
ދޮރު ހުޅުވާލުމާއެކު ޒާރާ އެތެރެއަށް ވަދެ އަރައިގެން ހުރި ބޫޓު ބޭލި އެވެ. ކޮނޑުގައި އޮތް ދަބަސް ސޯފާ މޭޒުމަތީގައި ބެހެއްޓުމާއި ސޯފާގައި އިށީނުމާ ދިޔައީ ދާދި އެކުގަ އެވެ. ރަނގަޅަށް ހަމަޖެހިލުމަށްފަހު ޒާރާ ފުން ނޭވާއެއް ލި އެވެ. އޭނާގެ ސިކުނޑީގައި ކަމެއް އެނބުރޭ ކަހަލަ އެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" ކޮފީ ތަށްޓެއް ހިފައިގެން އައި ލަޔާން އެ ކޮފީ ތަށި ޒާރާއަށް ދިއްކޮށްލަމުން އޭނާގެ މަގަތުގައި އިށީނެވެ. ޒާރާ ކަމަކާމެދު ވިސްނާނަމަ އޭނާއަށް އެކަމެއް ސިއްރެއް ނުވާނެ އެވެ.
"އޮފީހުން ދީފި ކޯހަކަށް ދާން ޗާންސް. ދެ އަހަރު ދުވަހުގެ އެއްޗެއް." ނުކެރިފައި އިނދެ ޒާރާ ބުނެލިި އެވެ. އެ ކޯހުގައި ދާން ބޭނުންވުމަކީ ކުށެއް ކަމަށް އޭނާއަށް އިހުސާސް ކުރެވޭ ކަހަލަ އެވެ. ލަޔާންއާ ވަކިވާން ޖެހޭތީ އެވެ. އަމިއްލަ އެދުމަށް އޭނާއާ ދުރަށް ދާންވާތީ އެވެ.
"ދާން ވާނެއެއްނު. ތިއީ ދޫކޮށްލާ ކަހަލަ ޗާންސެއް ނޫން" ލަޔާން ދެވަނަ ވިސްނުމަކާނުލާ ބުނެލި އެވެ. އޭނާ ބޭނުންވަނީ ޒާރާއަށް އެންމެ ހެޔޮ ގޮތެވެ.
ޒާރާ ލަޔާންގެ މޫނަށް ބަލާލި އެވެ. ލޯތްބާއި ޝުކުރުވެރިކަމާއެކުގަ އެވެ. ލަޔާން ކަަހަލަ ލޯބިވެރިއެއް ލިބުނީތީ ހިތާ ހިތުން ޝުކުރު ކުރަމުންނެވެ. ފަރުވާތެރިކަމާއެކު ޒާރާގެ މޫނަށް ބަލަން އިން ލަޔާން ހިނިތުންވެލީ އެ ފުރުސަތަކީ ޒާރާއަށް ކިހާ މުހިއްމު ފުރުސަތެއްކަން އެނގޭތީ އެވެ.
"މަގޭ ފަސް ފަހަތުން މީހަކާ ނީންނައްޗޭ" ލަޔާންގެ މޭ ތެރެއަށް ބޮނޑިވެ ގަންނަމުން ސަކަ ގޮތަކަށް ޒާރާ ބުނެލި އެވެ.
"ތި ނޫން މީހަކަށް މަގޭ ހިތުން ދެވަނަ ޖާގައެއް ދެން ނުދެވޭނެ" އިތުބާރާއެކު ލަޔާން ޒާރާއަށް ޔަގީންކަން ދިނެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ނިދިފައި އޮތް ލަޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ބައްޕަ އެވެ. މުހިއްމު ކަމެއްގައި ނޫނީ ބައްޕައަކީ އޭނާއަށް އާއްމުކޮށް ގުޅާ މީހެއް ނޫނެވެ. އެހެން ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. ފޯނު ނެގުމުން ބައްޕަ އެދުނީ ގޭތެރޭގެ ބައެއް ކަންކަން ކޮށްދޭން އައިސް ދިނުމަށެވެ. އެ އަޑުގައި ހުރީ މޮޅިވެރިކަމާއި ބަލިކަމެވެ. އެއީ އާދަޔާ ޚިލާފު ކަމަކަށްވި ނަމަވެސް މާބޮޑު ކަމަކަށް ލަޔާން ނުހަދަ އެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔަ އެވެ. ޒާރާ އަވަދިނެތި އުޅެމުން ދިޔައީ އޭނާގެ ކުރިމަގު ރޭވުމުގަ އެވެ. ކޯހުގެ އެންޓްރެންސް އެގްޒާމްއާއި ވިސާގެ ކަންކަމުގަ އެވެ. ފުރަންވާއިރަށް އޮފީހުގައި ކުރަން ހުރި ކަންތައްތައް ނިންމުމުގަ އެވެ. ހަމަ އެ ދުވަސްވަރު ލަޔާނަށް އޭނާގެ ބައްޕަ ކުރާ ފޯނުތައް ދިޔައީ އިތުރު ވަމުންނެވެ. މީގެ ކުރިން ނުއެދޭ ކަހަލަ ކުދި ކުދި ކަންކަމުގަ އެވެ. އޭނާއަށް އެ ތަފާތު ފާހަގަ ކުރެވެ އެވެ. ދުވަހަކަށްވުރެ ދުވަހެއް ބައްޕަގެ ހާލު ދަށްވާކަން އޭނާއަށް އެނގެ އެވެ. އެހެން ނަމަވެސް އެކަން އޭނާ ޒާރާއާ ހިއްސާއެއް ނުކުރެ އެވެ. ސިއްރު ކުރާކަށް ނޫނެވެ. އޭނާއަށް އިތުރު ބޮލުރިހުމެއް ދޭން ބޭނުން ނުވަނީ އެވެ. އެގޮތުގެ މަތީން އެ ދެމީހުންގެ މެދުގައި ބުނެދޭން ނޭނގޭ ކަހަލަ ހަމަހިމޭން ކަމެއް އުފެދިއްޖެ އެވެ.
ދުވަސްތައް ހަފްތާތަކަށް ބަދަލުވެ ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް ޒާރާ އޭނާގެ ކޯހުގައި ރާއްޖެއިން ބޭރަށް ފުރައިފި އެވެ. ދިރިއުޅުމުގެ ދަތުރުގައި ވަގުތީ ގޮތުން ނަމަވެސް ލަޔާން އެކަނިވެރިވެއްޖެ އެވެ. ޒާރާގެ އެހީތެރިކަމާއި އޯގާތެރިކަން އޭނާއަށް އެންމެ ބޭނުންވި ދުވަހު އެވެ. އެހެން ނަމަވެސް ޒާރާއަށް އެކަން އަންގާކަށް ލަޔާން ބޭނުމެއް ނުވެ އެވެ. ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލައި އޭނާގެ ކައިރިއަށް ޒާރާ އަންނާނެކަން ޔަގީންވާތީ އެވެ. އެހެން ކަމުން ބައްޕަގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވާ މަންޒަރު ބަލަން އޭނާ ހުރީ އެކަނި މާ އެކަންޏެވެ.
އެތައް ހާސް މޭލެއް ދުރުގައި ޒާރާގެ ވަގުތުތައް އޭނާ ހޭދަކުރަނީ ޔުނިވާސިޓީގެ ކަންކަމުގަ އެވެ. ނިމުން ނެތް ފިލާވަޅުތަކާއި އެސައިމަންޓްތައް ހެދުމުގަ އެވެ. އެތައް ސަފްހާއެއް ހިމެނޭ ފިލާވަޅުތައް މުތާލިއާ ކުރުމުގަ އެވެ. އެ ހަލަބޮލިކަމުގެ ތެރެއިން އޭނާއަށް ލިބުނު ހަމައެކަނި ތަސައްލީއަކީ ދިވެހި އެކުވެރިއަކު ލިބުމެވެ. ދާނިޝްއަކީ ޒާރާވެސް ކިޔަވަމުން އައި ކޯހުގައި ކިޔަވަން އައި ދިވެއްސެކެވެ. ކިރިޔާ ވެސް ހުސް ވަގުތެއް ލިބިއްޖެނަމަ ޒާރާ އުޅެނީ ދާނިޝްއާއެކުގަ އެވެ. އެކަމަކު އެންމެ ހިނދުކޮޅަކަށްވެސް ލަޔާން އޭނާގެ ހިތުން ފިލައިގެންނެއް ނުދެ އެވެ.
ލަޔާންއަށް ގުޅާލާނެ ފުރުސަތު ޒާރާއަށް ލިބެނީ މަދު ފަހަރަކު އެވެ. ލިބުނަސް އުޅެން ޖެހެނީ އަވަސް އަރުވާލައިގެންނެވެ. އެވަރުން އެކަކު އަނެކަކުގެ ހާލަތު ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ނުދެއްކި ހުރި ވާހަކަ ގިނަވާން ފަށައިފި އެވެ. އިހުސާސްތައް ހިތުތެރޭގައި ފުނި ޖެހެން ފަށައިފި އެވެ. މީގެ ކުރިން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ފޯނު ކޯލުތައް މިހާރު ސީދާ ވެފައި ކުރުވެއްޖެ އެވެ. ބޭކާރު ވާހަކަތައް ދެއްކުމެއް ނެތެވެ. އެކަކު އަނެކަކުގެ ދުވަސް ދިޔަ ގޮތް ކިޔައިދިނުމެއް ނެތެވެ. ދެ މީހުންނަށް އެކަން ފާހަގަވެސްވެ އެވެ. އެކަމަކު ޝަކުވާ ކުރާކަށް ބޭނުމެއް ނެތެވެ.
އެއް ދުވަހެއްގެ އިރު އޮއްސުނު ވަގުތެވެ. ޒާރާއާއި ދާނިޝް ތިބީ މީހުން މަދު ސަރަހައްދެއްގައި ހުރި ބާ ލައިބްރަރީއެއްގަ އެވެ. އެއީ އެ ދެމީހުން އެންމެ ގިނައިން ކިޔަވަން އައިސް ތިބޭ ތަނެވެ. މާ ގިނަ ބަޔަކު ވަދެ ނޫޅޭތީ އެމީހުންނަށް ވީ ފަސޭހަ އަކަަށެވެ. އިމާރާތުގައި މާ ގިނަ ފަރުނީޗަރުތަކެއް ނެތް ނަމަވެސް ބާ ލަކުޑިން ހަދާފައިވާ ފޮތް ހަރުތަކާއި މޭޒުތައް އަދި ގޮނޑިތައް އެމީހުންނަށް ފުދެ އެވެ.
އާދައިގެ މަތިން މިއަދުވެސް އެމީހުން ތިބީ ލައިބްރަރީގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގަ އެވެ. ޒާރާއާ ޖެހިގެން ހުރި ގޮނޑީގައި ދާނިޝް އިންއިރު ޒާރާގެ ނޭވާގެ އިހުސާސް އޭނާއަށް ރަނގަޅަށް ކުރެވެ އެވެ. އިރު އިރުކޮޅުން ޒާރާއަށް އެއްކަޅިން ބަލާލަ އެވެ. ޒާރާގެ ނަޒަރު ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. މާ ގިނައިރުތަކެއް ނުވެ ދާނިޝްގެ ހަރަކާތްތައް ޒާރާއަށް ފާހަގަވެއްޖެ އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެ އެވެ. ލަސްލަހުން ދާނިޝް ޒާރާއާ ކައިރިވާން ފެށި އެވެ. އެވަގުތު ވިދާލި ގަދަ ވިދުވަރާއެކު މުޅި ތަނުން ކަރަންޓު ގޮސްފި އެވެ. އެއާއެކު ޒާރާ ފަސްޖެހުނެވެ.
އެރޭ ޒާރާ ގެއަށް ދިޔައިރު ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް އޭނާއަށް ކުރެވެމުން ދިޔަ އެވެ. ލަޔާންއަށް ބޭވަފާތެރި ވެވުނު ކަމުގެ އިހުސާސް އޭނާގެ ހިތުގެ އެއް ކަނެއްގައި އުތުރި އަރަމުން ދިޔަ އެވެ. އެއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. ހަމަ ގައިމުވެސް އޭނާ ނުބައި ފާފައަކަށް އަރައެއް ނުގަނެ އެވެ. އެހެން ނަމަވެސް އެ ފުރުސަތު އެރޭ ފަހިވެފައި އޮތްކަން ހިތަށް އަރުވާލުމުން ވެސް އޭނާގެ އެތެރެ ހަށިން ހީބިހި ނަގައިގަތެވެ.
ލަޔާންއާއި ޒާރާގެ މެދުގައި ހިނގި އެއްވެސް ކަމެއް ޒާރާ ލަޔާންއަށް ކިޔައެއް ނުދެ އެވެ. ކިޔައިދިނުމުގެ ބޭނުމެއް އޮތް ކަމަކަށް އޭނާ ނުދެކެ އެވެ. ލަޔާންއަށް އޭނާ ބޭވަފާތެރިއެއް ނުވެ އެވެ. އޭނާގެ ހިތުގައި އަދިވެސް އޮތީ ލަޔާން އެވެ. ހަމައެކަނި ލަޔާން އެވެ. އިތުރު އެހެން މީހެއްގެ ނަން ވެސް ގަންނާކަށް ޒާރާ ބޭނުމެއް ނުވެ އެވެ. އެކަން އޭނާ ދާނިޝްއަށް ރަނގަޅަށް ކިޔައިދިނެވެ.
" މިއީ ދުވަހަކުވެސް ހިނގި ކަމެއްކަން ހަނދާނުން ނައްތާލާ. އަހަންނަކަށް އެކަމެއް ނުވާނެ. ސޮރީ" އެރޭ ޒާރާ ދާނިޝްއަށް މެސެޖުކުރީ ދެން ދުވަހަކު ވެސް ދާނިޝްގެ މޫނު ދެކެން އޭނާ ބޭނުންނުވާތީ އެވެ. ލަޔާންއަށް ބޭވަފާތެރި ވެވިދާނެ ކަމުގެ ބިރު އޮތީމަ އެވެ. ލަޔާންގެ ލޯތްބަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުންނެވެ.
އޭގެ ފަހުން ދާނިޝްގެ އެއްވެސް ހަބަރެއް ޒާރާއަކަށް ނުވެ އެވެ. ވަޔަށް ދޫވި ހިރަފުސްކޮޅެއް ފަދައިން އޭނާ ގެއްލިއްޖެ އެވެ. އުޅުނު ކޯހުން ވެސް ވަކިވީ އެވެ. ދާނިޝް ހޯދާކަށް ޒާރާ މަސައްކަތެއް ވެސް ނުކުރެ އެވެ. އޭނާ ކެތްމަދުވެފައި ހުރީ އަހަރު ދުވަހަށްފަހު އެނބުރި ލަޔާން ކައިރިއަށް ދިއުމަށެވެ. އެއީ އޭނާގެ ހަގީގީ ލޯތްބެވެ.
"ޒާރާ.... ބައްޕަ" ދެތިން ދުވަސް ފަހުން ޒާރާއަށް ލަޔާން ގުޅިއިރު އޭނާގެ އަޑު ވަރަށް ތަފާތެވެ. އަޑު ކުރެހިފައި ހުރިއިރު އެ އަޑުގެ ފަހަތުގައި ފޮރުވިފައިވާ ވޭނީ އިހުސާސްތައް ޒާރާ ދެނެގަތެވެ.
ލަޔާންގެ ބައްޕަ މި ފަނާ ކުރަނިވި ދުނިޔެއަށް އަލްވަދާއު ކީ އެވެ. ލަޔާންގެ އެކަނިވެރިކަން އިތުރުވީ އެވެ. މިވަގުތު އޭނާގެ ގައިގައި ބައްދާލައި ތަސައްލީ ދޭނެ ދެވަނަ މީހަކު ނެތެވެ. ޒާރާ ފިޔަވަ އެވެ. ހީކުރި ގޮތަށް ޒާރާ އޭނާގެ ކޯސް މެދުކަނޑާލުމަށްފަހު ލަޔާންއަށްޓަކައި އެނބުރި އައެވެ. އެ އުނދަގޫ ދަނޑިވަޅުގައި ލަޔާން އޭނާ ބޭނުންވާނެ ވަރު އިހުސާސް ކުރެވޭތީ އެވެ.
މާލެ އަންނަން އޮތް އެންމެ ފުރަތަމަ ފްލައިޓުން ޒާރާ މާލެ އައިއިރު ޒާހިރުގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދަނީ އެވެ. އާސަހަރާއަށް އެއްވެތިބި ހެޔޮއެދޭ އެތައް ބައެއްގެ ތެރެއިން ޒާރާ އެތެރެއަށް ވަދެ ލަޔާން ކައިރީގައި މަޑުވެލި އެވެ. ޒާރާ ފެނުމާއެކު ލަޔާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގަތެވެ. ޒާރާގެ އަތުގައި ހިފައި ބާރަށް ފިއްތާލި އެވެ.
ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ލަޔާންއާއެކު ޒާރާވެސް އޭނާގެ ގެއަށް އައެވެެ. މިވަގުތު ލަޔާން އެކަނި ކޮށްލަން ބޭނުން ނުވާތީ ޒާރާ ލަޔާންއާއެކު އައީ ފޮށި ތަންމަތި ވެސް ރަހުމަތްތެރިއެއްގެ އަތްމައްޗަށް ދޫކޮށްލާފަ އެވެ. ގެއަށް އައިސް ވަނުމާއެކު ލަޔާން ޒާރާގެ ގައިގައި ބާރަށް ބައްދައިގަތެވެ. އެއާއެކު އޭނާގެ ގިސްލުމުގެ އަޑު އިތުރަށް ގަދަވި އެވެ.
ލަޔާންގެ ގައިގައި ބައްދާލައިގެން ހުރެ ކަހަލަ ގޮތަކަށް ޒާރާއަށް ސޯފާއާ ހިސާބަށް އާދެވުނީ ހަމަ ކިރިޔާ އެވެ. އެގޮތަށް އެމީހުން އެތައް އިރަކު ތިއްބެވެ. ލަޔާން އޭނާގެ ހިތް ފުރެންދެން ޒާރާގެ އުނގުގައި ބޯ އަޅައިގެން އޮވެ ރުއެވެ. މިހާރު މި ދުނިޔެ މަތީގައި ހުރި އޭނާގެ ހަމައެކަނި މީހަކީ ޒާރާ އެވެ.
"މަށާ އިންނާނަންތަ؟" ލަޔާން ޒާރާގެ އުނގުގައި ބޯއަޅައިގެން އޮވެ އަހާލި އެވެ. އޭނާގެ އަޑު އަދިވެސް ހުރީ ކުރެހިފަ އެވެ. އެއީ އޭނާ ޒާރާގެ ކައިވެންޏަށް އެދެން ބޭނުންވި ގޮތެއް ނޫނެވެ. ޒާރާއަށް "ޕްރޮޕޯޒް" ކުރާނެ ގޮތުގެ ފުރިހަމަ ރޭވުމެއް އޭނާގެ ހިތުގައި އޮތެވެ. އެހެން ނަމަވެސް އެ ވަގުތު އޭނާގެ ދުލުން އެ ސުވާލު ބޭރުވީ ބޭ އިޚުތިޔާރުގަ އެވެ.
"ޔެސް އެންޑް ޔެސް" ޒާރާ ލަޔާންގެ ނިއްކުރީގައި ބޮސް ދިނެވެ. ކައިވެންޏެއްގެ ހުވަފެން ހިތުތެރޭގައި ކުރަހަމުންނެވެ.
އޭގެ ދެތިން މަސް ފަހުން މާ ކުލަގަދަ ނޫނަސް އުފާވެރި އަދި ކުޑަ ހަފްލާއެއްގައި ލަޔާންއާއި ޒާރާގެ ކައިވެނި ކުރެވުނެވެ. އާއިލާއާއި އެކުވެރިންގެ ހާޒިރުގަ އެވެ. އެއީ އެ ދެމީހުން އެތައް އަހަރެއް ވަންދެން ދުށް ހުވަފެނުގައި ހަގީގީ ކުލަ ޖެހުނު ރެއެވެ. އެ ރޭ އެ ދެމީހުން ގެއަށް ދިޔައީ އުމުރު ދުވަހު އެކުގައި އުޅެން އެކަކު އަނެކަކަށް ވައުދު ވަމުންނެވެ. އެ މީހުންގެ "އަބަދުގެ އަބަަދަށް" ފެށުނީ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ލޯތްބާއި އިތުބާރުން އެ ދެހިތުގައި އުފެދުނު ގުޅުން އިތުރަށް ވަރުގަދަ ކުރުވަމުންނެވެ. އެ އުފާވެރި ކައިވެނީގައި ކުނި ޖެހޭނެ އެއްވެސް ފުރުސަތެއް އެ ދެމީހުންކުރެ އެކަކު ވެސް ނުދެ އެވެ. އެފަދަ ކަމަކަށް ޖާގަ ދޭކަށް ވެސް އެ މީހުން ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް އެ އުފާވެރި ބަހާރަށް ތޫފާނީ ކޮޅިގަނޑެއް އަންނަން އުޅޭކަން އެއިން އެއްވެސް މީހަކަށް ވިސްނައެއް ނުލެވެ އެވެ.
އެއީ އާދައިގެ މަތިން ޒާރާ ކެއްކުމުގައި އަވަދިނެތި އުޅުނު ދުވަހެކެވެ. ލަޔާން އިނީ ކޮޓަރީގެ އެނދުމަތީގައި އިށީނދެގެންނެވެ. ބަދިގެއަށް ދަމުން ޒާރާ އެނދުމައްޗަށް އެއްލާލި ފޯނު ނަގައި ހުޅުވާލި އެވެ. މާ ބޮޑު ފިކުރެއް ނެތި ފޯނުގެ އެކި އެޕްލިކޭޝަންތައް ބަލަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އޭގެ އަހަރެއްހާ ދުވަސް ކުރިން ޒާރާއަށް ލިބިފައިވާ މެސެޖެކެވެ.
"ސޮރީ. ދެން ދުވަހަކު ވެސް އަހަރެންގެ އުނދަގުލެއް ޒާރާއަކަށް ނުވާނެ. އެކަން ކުރެވުނީ ބަލިކަށި ވަގުތުކޮޅެއްގައި. އަހަރެންގެ ހިތް އެކަމަށް އެދުނު ވަރުން."އެ މެސެޖާއެކު ލަޔާންގެ ދިރިއުޅުން އޭނާގެ ފައިދަށުން ދެމިގެން ދިޔަ ކަހަލަ އެވެ. އިންތިހާއަށް ލޯބިވާ އަނބިމީހާއާ ބެހޭގޮތުން އެކަހަލަ ވާހަކައެއް އެނގިއްޖެނަމަ ވާނެ ގޮތް ވިސްނާލާށެވެ.
އެވަގުތު ކޮޓަރިއަށް ވަތް ޒާރާއަށް ލަޔާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފައިވާކަން ވަގުތުން ފާހަގަވި އެވެ. މީގެ ކުރިން ވެސް ލަޔާންއަކީ އޭނާގެ ފޯނު ބަލާ އުޅޭ މީހެކެވެ. އެހެން ނަމަވެސް މިއަދު އޭނާގެ މޫނުމަތިން އެ ފެންނަނީ މުޅިން ތަފާތު ކުލަވަރެކެވެ.
"ކިހިނެއްވީ؟" ޒާރާގެ އެ ސުވާލާއެކު ލަޔާންގެ އަތުގައި އޮތް ފޯނު ޒާރާއަށް ދައްކާލި އެވެ. އެއާއެކު ޒާރާގެ ދެލޯ ވެސް ބޮޑުވި އެވެ. އެއީ އޭގެ އެތައް ދުވަހެއް ކުރިން ދާނިޝް އޭނާއަށް ކުރި މެސެޖެކެވެ. ނޮޓިފިކޭޝަން ނުލިބޭ ގޮތަށް ހަދާފައިވާތީ އޭނާއަށް އެ މެސެޖު ލިބުނު ކަމެއް ވެސް ޒާރާއަކަށް ނޭނގެ އެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ޒާރާގެ ޖަވާބަކަށް ލަޔާން އިންތިޒާރު ކުރި އެވެ. އެހެން ނަމަވެސް ޒާރާގެ ފަރާތުން އޭނާއަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. ހުއްޓުނު ތަނުގައި ގުޑުމެއް ވެސް އަރުވާނުލައި ޒާރާ ހުރީ އެވެ. މޫނު މަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެކަމުގެ އިހުސާސްތަކެވެ.
އެ ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަމަކަށް ނިމުމެއް ނައެވެ. އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ލަޔާން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އެންމެ ބަހެއް ވެސް ނުބުނެ އެވެ. ޒާރާ ބިރުގަތީ އެހެންވެ އެވެ. އެ ހަމަހިމޭން ކަމުގެ ފަހަތުގައި ވަނީ ކޮން އިހުސާސްތަކެއް ކަމެއް އޭނާއަކަށް ވެސް ނޭނގެ އެވެ. އެހެން ނަމަވެސް އޭނާގެ ހަޔާތަށް ބޮޑު ރާޅެއް ބިންދާލައިފި ކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށި އެވެ.
އެ ރޭގެ ވަގުތެވެ. މެންދަމުން އަލިވެ އެކެއް ޖެހިއިރު ވެސް ލަޔާން ގެއަކަށް ނާދެ އެވެ. އާދައިގެ މަތިން ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްގެން ޒާރާ ލަޔާންގެ އިންތިޒާރުގައި ކާމޭޒު ދޮށުގައި އިނެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. މީގެ ކުރިން ދުވަހަކު ވެސް ލަޔާން ގެއަށް އަންނަން އެހާ ލަހެއް ނުވެ އެވެ.
މަޑު ހިނގުމެއްގައި ގެއަށް އައިސް ވަތް ލަޔާންއާއި ޒާރާގެ ހަތަރުކަޅި ހަމަވުމާއެކު ލަޔާން އިސް ދަށަށް ޖަހާލި އެވެ. އަނގައިން ވެސް ނުބުނެ އައިސް ކާމޭޒު ދޮށުގައި އިށީނދެ ފެށީ ކާށެވެ. އެވަގުތު ޒާރާއާ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަހަލަ އެވެ.
"އެއްޗެއް ބުނަން ބޭނުންތަ؟" ވާހަކަ ފެށީ ޒާރާ އެވެ. ބޭނުމަކީ ލަޔާންގެ ހިތުގައި އޮތް އެއްޗެއް ހޯދުމެވެ.
"އެއްޗެއް ބުނަން އެބައޮތްތަ؟" ޖަވާބުގައި ލަޔާން ވެސް ކުރީ ސުވާލެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ވާހަކަ ފަށަން ޖެހޭނީ ޒާރާ އެވެ. ވީގޮތް އޮޅުން ފިލުވައިދޭން ޖެހޭނީ ވެސް ޒާރާ އެވެ.
"އެއްވެސް ކަމެއް ނުވޭ. އެންމެ ފަހަރަކު ކުޑަ ވަގުތުކޮޅަކަށް ހިތް ކަސިޔާރުވީ. އަހަންނަކީ އޭރުވެސް، މިހާރު ވެސް ލަޔާންގެ މީހެއް" ޒާރާ ކިޔައިދިނެވެ.
"އެކަމަކު ހަގީގަތް ކިޔައިދޭން އަހަންނަށް އިތުބާރެއް ނުކުރެވުނު" ލަޔާންގެ އަޑުގައި ހުރީ ނުރުހުމުގެ ރާގެކެވެ. އެވަރުގެ ކަމެއް ޒާރާ އޭނާއަށް ސިއްރު ކުރަންވީ ސަބަބެއް ލަޔާންއަކަށް ނުވިސްނެ އެވެ.
"އަހަރެން ޚިޔާރުކުރީ ލަޔާން. އޭރު ވެސް މިހާރު ވެސް. ދެން ވެސް." ޒާރާ ލަޔާންގެ އަތުގައި ހިފާ ފިތާލި އެވެ. ލޯތްބާއި އިތުބާރުގެ ޔަގީންކަން ދެމުންނެވެ. ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ވަފާތެރިކަމަށް ހެކިދޭ ކަހަލަ އެވެ.
ޒާރާއަށް އަލުން އިތުބާރު ކުރަން ލަޔާންއަށް އުނދަގޫެވާނެ އެވެ. ހަމަހިމޭން ކަމުގެ ތެރެއިން އެ ގުޅުމުގައި ފުން ރެނދެއް ލައިފި އެވެ. އެ ރެނދުގެ އަސަރު އެމީހުންގެ ދިރިއުޅުމުގައި ދުވަސްތަކަކަށް ހުންނާނެ އެވެ.
ލަޔާން ޒާރާގެ މޫނުގައި ލޯތްބާއެކު ބޮސް ދިނެވެ. އޭނާގެ ހިތުގައި ޖެހިފައި ނެތީމައެއް ނޫނެވެ. އެކަހަލަ ކުޑަ ކަމަކުން އެ ދެމީހުންގެ މެދުގައި އޮތް އެތައް އަހަރެއްގެ ގުޅުމަށް ކުޑައިމީސް ކުރަން ބޭނުންނުވާތީ އެވެ. ހެޔޮ ހިތުން ޒާރާއަށް ލަޔާން މައާފުކުރީ ޒާރާގެ މޫނުމަތިން އޭނާއަށް ކުރެވުނު ކުށަށް ހިތާމަކުރާކަން ރަނގަޅަށް އެނގޭތީ އެވެ.
އޭގެ ތިން މަސް ދުވަސް ފަހެވެ. އާދައިގެ މަތިން ދިރިއުޅުން ކުރިއަށް ދިޔަ އެވެ. ޒާރާއަށް ލިބުނު މެސެޖު ޑިލީޓް ކޮށްލީ ޚުދު ލަޔާން އަމިއްލައަށެވެ. މާޒީގެ އެއްވެސް ސަފްހާއެއް ހުޅުވާފައި ބާއްވަން ބޭނުން ނުވާތީ އެވެ.
އެ ފާއިތުވީ މުއްދަތުގައި އެ ދެމިފިރިންގެ ގުޅުން އިހުނަށްވުރެ ވެސް ވަރުގަދަވި ކަހަލަ އެވެ. އެހާ ލޯބިން ޖެހި ކައިވެނީގެ ގޮށް މޮހާލަން އެ ދެމީހުންކުރެ އެކަކު ވެސް ބޭނުމެއް ނުވެ އެވެ. ވީ ކަމެއް ވީ އެވެ. އެކަމުގައި ހިފައިގެން އެމީހުންނަށް ވާނެ އެއްވެސް ފައިދާއެއް ނެެތެވެ. ދެން އޮތީ ކުރިއަށް އޮތް މުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ދިއުމެވެ. ނުބުނެވުނު ބަސްތަކުން އުފެދުނު ބިންގަލުގެ މަތީގަ އެވެ.

މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި