އެމެރިކާއާ އިޒްރޭލުން މިއަދު އިރާނަށް ދިން ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވުމާއި ގުޅިގެން އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
އެހީއެއް ބޭނުންވެއްޖެނަމަ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ހުރިހާ ދިވެހިންވެސް އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި، އެ ގައުމުތަކުގެ ސަރުކާރުތަކުން ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުމަށް މިނިސްޓްރީން އެދެ އެވެ:
ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+
ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200+
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+
ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
އީމެއިލް: [email protected]
އީރާނަށް ދިން ހަމަލާއާ ގުޅިގެން އެގައުމުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އެގޮތުން ބަހުރެއިން، ގަތަރު، އާބޫދާބީ އަދި ކުވައިތުގެ އިތުރުން ސައުދީ އަރަބިއްޔާގައި ހުރި މަރުކަޒަށް އަމާޒުކޮށް ވަނީ މިސައިލް ހަމަލާ ދީފަ އެވެ. މިއާއެކު ވައިގެ ދަތުރުފަތުރުތަކަށް އަސަރުކޮށް ވަރަށް ގިނަ އެއާޕޯޓުތަކުގައިވެސް މީހުން ވަނީ ތޮއްޖެހިފަ އެވެ.

ގަތަރުގެ ދޯހާއަށް ހަމަލާ ދީފި
ހަނގުރާމައާ ގުޅިގެން އެމްއޭސީއެލްގެ އެޑްވައިޒަރީއެއް
ނަސީމުގެ މަސައްކަތް ރީތިވެފައި ފުރިހަމަ!