އިޒްރޭލުން މިއަދު އިރާނަށް ހަމަލާދީ ފެށި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ 1،400 ވަރަކަށް ޓޫރިސްޓުން ނުފުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާށިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ޓޫރިސްޓުންނަށް އެ މީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައި ދީފައިވާނެ ކަމަށެވެ. އަދި ބައެއް ޓޫރިސްޓުން ބޭނުންވި ގޮތަށް ޓިކެޓް ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ފުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޓޫރިސްޓުންގެ އިތުރުން ނުފުރި 1،400 ވަރަކަށް ޓޫރިސްޓުން އެއާޕޯޓްގައި އެބަތިބި ކަމަށާއި އެ ޓޫރިސްޓުން އެއާޕޯޓުގައި ހޭދަކުރާ ވަގުތު ފަސޭހަކަމާއެކު ހޭދަކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސައި ދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޓާމިނަލް ތެރޭގައި ފުދޭވަރަކަށް ކޮންފަޓަބަލްކޮށް ފަތުރުވެރިން މިތިބީ. އަދި އޭގެ އިތުރަށް އެމްއޭސީއެލްއިން މިހާރު އެބަ ޕްރޮވައިޑްކޮށްދެއްވާ ކޮންމެވެސް ވަރަކަށް ނިދާލެވޭނެ ގޮތަށް ފްލޯގައި ބްލެންކެޓާއި އެއްޗެހި ދީފައި އެބަ ހަމަޖައްސައި ދެއްވާ. ސަރުކާރުންނާއި އަދި އިންޑަސްޓްރީން އަދި އެމްއޭސީއެލްއިން ވެސް މި މަސައްކަތް ކުރަނީ ނުފުރިފައި ތިބި ޓޫރިސްޓުންނަށް ފަސޭހަކަމާއެކު މިރޭ ހޭދަކޮށް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެބޭފުޅުންނަށް ފުރެންދެން އަޅުގަނޑުމެންނަށް އެސިސްޓް ކޮށްދެވޭނީ ކޮންގޮތަކަށްތޯ ބަލައި އެކަންތައްތައް ކޮށްދިނުން،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިންގެ އާއިލާތަކަށް އިތުރު ފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޖްގައި އާއިލާތަކަށް ތިބެވޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން ދަތުރުކުރަނީ މެދުއިރުމަތީގެ އެއާލައިންތަކުންނެވެ. އެ އެއާލައިންތަކުން ރާއްޖެއަށް ދުވާލަކު 14 ދަތުރު ކުރެ އެވެ. އެ ހުރިހާ އެއާލައިންތަކުގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
ރާއްޖެއަށް އަންނަ ބައެއް އެއާލައިންތަކުގެ ޕެސެންޖާ ސޭލްސް އެޖެންޓް އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އީރާނަށް ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތިން ރާއްޖެއަށް އަންނަ ފްލައިޓްތައް ކެންސަލްވުމުން ގާތްގަނޑަކަށް 2،000 އެއްހާ ޓޫރިސްޓުން ނުފުރި ތާށިވި ކަމަށެވެ.
"ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ ފަންސާސް ޕަސެންޓް މި ހިއްސާކުރަނީ މެދުއިރުމަތީގެ އެއާލައިންތަކުން. އެ އެއާލައިންތައް ދަތުރުތައް މެދުކަނޑާލުމުން ދެންވާނެ ގޮތް ވިސްނާލާ،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ އެއާޕޯޓު ތެރޭގައި މަޑުކުރާ ފަސިންޖަރުންނަށް ރަނގަޅަށް ކެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި ފުރުން ލަސްކުރަން ޖެހުނު ބައެއް ފަސިންޖަރުން މިހާރު މާލެ ސަރަހައްދުގެ ހޮޓާތަކުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި ރިިސްކް އެސެސްމަންޓު ހަދަނީ
މެދުއިރުމަތީގައި ތިބި ދިވެހިން ރަޖިސްޓްރީވާން އެދިއްޖެ
ހާރަށް "ބަތްޕެން" ވަރެއް ނެތް!
