ބަހްރޭންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަށް އީރާނުން އަމާޒުކުރި ހަމަލާތަކުން، އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތަކެއް ވަނީ ހާމަވެފަ އެވެ. މިއީ ވޮޝިންޓަނާއި އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިން ކަންބޮޑުވާނެ ކަމެކެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މައި މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ވަނީ އަރާފަ އެވެ.

މި ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ލަފާކުރެވޭ ގޮތުގައި މި ހަމަލާގެ އިންޒާރު ކުރިން ލިބުމުން، އެމެރިކާ ސިފައިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަނުގައި ތިބި މީހުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.

ބްރިޓިޝް ރޯޔަލް ނޭވީގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ޓޮމް ޝާޕް ވިދާޅުވާ ގޮތުގައި، އީރާނުން ބަހްރޭން ހަމަލާގެ އަމާޒަކަށް ހެދީ އެއީ މުހިންމު މަރުކަޒަކަށް ވެފައި، ކުރިން އެތަނުގެ ވައިގެ ދިފާއީ ނިޒާމު އެހާ ވަރުގަދަ ނޫންވީމަ އެވެ. މިކަން މިހާރު މިވަނީ ހާމަވެފަ އެވެ. ސަބަބަކީ އީރާނުގެ "ޝާހިދު" މަރުކާގެ ލަހުން ދަތުރުކުރާ ޑްރޯންތައް ދިފާއީ ނިޒާމު ފޫއަޅުވާލާފައިވާކަން ވީޑިއޯތަކުން ފެންނާތީ އެވެ. ޔޫކްރޭންގައި މިފަދަ ޑްރޯންތައް އާދައިގެ މެޝިން ބަޑިން ވެސް ވައްޓާލެ ވެއެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާއިން ވަނީ އެ ސަރަހައްދަށް އިތުރު ވައިގެ ދިފާއީ ނިޒާމުތައް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ބެލިސްޓިކް މިސައިލް ވައްޓާލެވޭ ފަދަ ޒަމާނީ "ތާޑް "އަދި "ޕޭޓްރިއަޓް" ނިޒާމުތައް ހިމެނެ އެވެ. ނަމަވެސް މިއީ ވަރަށް އަގުބޮޑު އަދި މަދު އަދަދަކަށް ހުންނަ ސާމާނެވެ.

މިސާލަކަށް ބަލާއިރު، ޔޫކްރޭންގައި 10 އަށްވުރެ މަދު ޕޭޓްރިއަޓް ބެޓެރީ ހުރިއިރު، އެ ގައުމުގެ ވެރިރަށް ކީވް ދިފާއުކުރުމަށް ވެސް އަދިވެސް އުނދަގޫތަކާ ކުރިމަތި ވެއެވެ. އެހެންކަމުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތުތައް ހިމާޔަތްކުރެވޭ ވަރަށް އެމެރިކާ އަތުގައި މިފަދަ ނިޒާމުތައް ހުރެދާނެ ކަމަކަށް ނުބެލެ ވެއެވެ.

މީގެ އިތުރުން، އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ "އާލީ ބާކް" ކްލާސްގެ ގާތްގަނޑަކަށް 12 ޑިސްޓްރޯޔާ މަނަވަރު ގަލްފް ސަރަހައްދަށާއި މެދުތެރޭ ކަނޑުގެ އިރުމައްޗަށް ފޮނުވާފަ އެވެ. މި މަނަވަރުތަކަކީ ވެސް ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. ރަތް ކަނޑުގައި ޔަމަނުގެ ހޫތީންނާ ދެކޮޅަށް މި މަނަވަރުތަކުގެ ފައިދާ ވަނީ ފެނިފަ އެވެ. 2024 އާއި 2026 އާ ދެމެދު އެމެރިކާއިން ވަނީ ހޫތީންގެ 400 އެއްހާ ޑްރޯން އާއި މިސައިލް ހުއްޓުވާފަ އެވެ.

އަދި އެ ސަރަހައްދަށް ފޮނުވާފައިވާ އެމެރިކާގެ 100 އަށްވުރެ ގިނަ ފައިޓާ ޖެޓްތަކަކީ ވެސް ޑްރޯން އާއި މިސައިލް ހުއްޓުވުމުގެ ގާބިލުކަން ހުރި ބޯޓުތަކެކެވެ. އެހެންނަމަވެސް، މި ހުރިހާ ވަސީލަތްތަކަކާއެކު ވެސް އީރާނުން ދޭ ބައެއް ހަމަލާތައް ކާމިޔާބުވުން ހުއްޓުވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެމެރިކާއާއި އިޒްރޭލުން ދާދިފަހުން ދިން ހަމަލާތަކުގެ ކުރިން ވެސް، އީރާނުގެ އަތުގައި ކުރު ރާސްތާގެ ގާތްގަނޑަކަށް 2،000 ބެލިސްޓިކް މިސައިލް ހުރި ކަމަށް ބެލެ ވެއެވެ. އަދި އަމިއްލައަށް ގޮއްވާލާ ގިނަ އަދަދެއްގެ ޑްރޯންތައް ވެސް އެގައުމުގައި އެބަހުއްޓެވެ.

އީރާނުގެ "ޝާހިދު" ޑްރޯންތައް ރަޝިޔާއަށް އެކްސްޕޯޓްކޮށް، ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ. ރަޝިޔާއިން މިހާރު މަހެއްގެ މައްޗަށް އެތައް ހާސް ޑްރޯނެއް އުފައްދަމުންދާއިރު، އީރާނުގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް ރަޝިޔާގެ އެހީތެރިކަން ލިބިފައިވުން އެކަށީގެން ވެއެވެ.

ޝާޕް ވިދާޅުވި ގޮތުގައި، އޭނާ ރޯޔަލް ނޭވީގައި އުޅުނުއިރު، މެދުއިރުމަތީގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދީފާނެ ހަމަލާއަކާ ގުޅޭގޮތުން ތަމްރީނުތައް ހެދި އެވެ. އެ ތަމްރީނުތަކުން ދެއްކި ގޮތުގައި، އީރާނުން އެއްފަހަރާ ގިނަ ހަމަލާތަކެއް ދީފިނަމަ، ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައި ބައެއް މިސައިލާއި ޑްރޯންތައް އަމާޒަށް ވާސިލުވާނެ އެވެ.

"އީރާނުން އެމީހުންގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު ހަމަލާދީފިނަމަ، އެމެރިކާގެ އަތުގައި ހުރި ތާޑް އަދި ޕޭޓްރިއަޓް މިސައިލްތައް ހުސްވާނެ،" އޭނާ ވިދާޅުވި އެވެ.

ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސްގެ ސީނިއާ ފެލޯ އެޑްމަންޑް ފިޓަން-ބްރައުން ވިދާޅުވާ ގޮތުގައި، އީރާނުން ބަދަލުހިފަން ބޭނުންވި ނަމަވެސް، މިކަން ބޮޑު ހަނގުރާމައަކަށް ބަދަލުކުރަން ބޭނުންނުވާކަމުގެ ހެކިތައް އެބަހުއްޓެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަމަށް ލިބުނު ގެއްލުމުގެ މިންވަރު އަދިވެސް ސާފުނުވާ ކަމަށެވެ.

"ފެންނަ ފެނުމަށް ބަލާއިރު އީރާނުގެ ބަދަލުހިފުމުގެ ހަމަލާތައް ހުރީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް އަހަރެއްވަންދެން ހަމަލާދިނުމުން ވެސް، އެމީހުންގެ މިސައިލާއި ޑްރޯން ފޮނުވުމުގެ ގާބިލުކަން މުޅިން ނައްތާލެވިފައި ނުވާކަން ހަނދާންކުރަންޖެހެ އެވެ. ހަމައެކަނި ވައިގެ މަގުން ދޭ ހަމަލާތަކަކުން ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެ އެވެ.

އީރާނުގެ އަތުގައި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމުގެ ބޮޑު ގާބިލުކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މަނަވަރުތަކަށް ހަމަލާދޭ މިސައިލާއި، ކުދި އަދި ހަލުވި އިންސާނަކާ ނުލައި ދުއްވާ އުޅަނދުތައް ހިމެނެ އެވެ. އަދި ވޭތުވެދިޔަ މަސްތަކުގައި ޗައިނާއިން އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވޭތޯ ކުރެވޭ ސުވާލަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އެމެރިކާގެ ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޑެނިއަލް ބައިމަން ވިދާޅުވާ ގޮތުގައި، ކުރީކޮޅުދޭ ހަމަލާތަކުން އީރާނުގެ ލީޑަޝިޕަށާއި އަސްކަރީ ވަސީލަތްތަކަށް ގެއްލުން ދެވިދާނެ އެވެ. ނަމަވެސް، މިފަދަ ހަނގުރާމައެއް ދިގުދެމިގެން ހިނގައްޖެނަމަ އެމެރިކާއަށް ދަތިތަކާ ކުރިމަތިވާނެ އެވެ.

ޔޫކްރޭންގެ ހާލަތުން އެނގެނީ ވައިގެ ދިފާއީ ނިޒާމުގެ މުހިންމުކަމެވެ. މިއީ ޔޫކްރޭންގެ ރައީސް ޒެލެންސްކީ ބައިވެރި ގައުމުތަކުގެ ކިބައިން އެންމެ ބޮޑަށް އެދޭ ކަންތައް ވެސް މެއެވެ. އެތައް ސަތޭކަ ޑްރޯންތަކާއި އެތައް މިސައިލެއް އެއްފަހަރާ ދޭ ހަމަލާތަކުން ދިފާއުވުމަކީ ކިހާ އުނދަގޫ ކަމެއްކަން ޔޫކްރޭން ހަނގުރާމައިން ހާމަވެ އެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ޑްރޯން އަދި މިސައިލް އުފައްދާ ކާރުޚާނާތަކަށް އަމާޒުކުރި ނަމަވެސް، އެ ނުރައްކާ މުޅިން ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ދިގުލައިގެންދާ ހަނގުރާމައެއްގައި އެމެރިކާއަށް އަމިއްލަ ގައުމާ ދުރުގައި ހަނގުރާމަ ކުރާއިރު، ހަތިޔާރު ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.