މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް ގިނަ ފްލައިޓްތަކެއް ކެންސަލްވެ، 5,200 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ދަތުރު ނުކުރެވި އެއާޕޯޓުގައި ތާށިވެފައިވާ ކަމަށް ދިވެހީންގެ މައި ވައިގެ ބަނދަރު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ހާލަތާ ގުޅިގެން އެމްއޭސީއެލް އިން އަންނަނީ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 ވަނަ ދުވަހު ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ 1,716 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވިއިރު، މިއަދު ވަނީ 19 ފްލައިޓެއް ކެންސަލްވެފަ އެވެ. މިއަދު ކެންސަލްވި ފްލައިޓްތަކުގެ ސަބަބުން 3,530 ފަސިންޖަރުންނަށް ވަނީ ދަތުރު ނުކުރެވިފަ އެވެ. މިއާއެކު މި ދެ ދުވަހުގެ ތެރޭގައި ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި މީހުންގެ ޖުމްލަ އަދަދު ވަނީ 5,246 އަށް އަރާފަ އެވެ.

ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ގާއިމުކުރުން

ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ފެބްރުއަރީ 28 ވަނަ ދުވަހު އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރު" އެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މިހާރު އަންނަނީ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރަމުންނެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފަ އެވެ. މީގެ އިތުރުން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއާލައިންތަކަށް ޚާއްސަ ސާވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ގާއިމުކޮށްފަ އެވެ. މި ކައުންޓަރުތަކުގައި އެއާލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަނީ ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި އެމްއޭސީއެލް އިން އަންނަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްގެ އިތުރުން އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވީ ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.