ހުޅުމާލޭގައި ބޭއްވި ފުޓުސަލް މުބާރާތެއް ޔޫތު މިނިސްޓްރީން ހުއްޓުވުމުން، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފި އެވެ.

މޯލްޑިވްސް ޔޫތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވާ ފުޓުސަލް މުބާރާތް މެދުކަނޑާލަން އަންގައި ޔޫތު މިނިސްޓްރީން ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

ޔޫތު މިނިސްޓްރީން އެދިފައި ވަނީ ވަގުތީގޮތުން މުބާރާތް މެދުކަނޑާލުމަށެވެ. އެކަމުގެ ސަބަބުން ޓީމްތަކަށާއި މުބާތް އިންތިޒާމް ކުރާ ފަރާތަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޔޫތު މިނިސްޓްރީން ވަނީ މައާފަށް އެދިފަ އެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް މައިމޫނާ ދިރިއުޅުއްވާ ހުޅުމާލޭ ފްލެޓް ކައިރިއަށް އެއްވެ އަޑުއުފުލި ޒުވާނުން ވަނީ އެކަމަނާގެ އިސްތިއުފާ އަށް ވެސް ގޮވާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެ މުޒާހަރާ ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.