މެދު އިރުމަތީގައި ހިިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން ބަންގްލަދޭޝް ސަރުކާރުން އެ ޤައުމުގެ ހުރިހާ ޔުނިވާސިޓީތައް ބަންދުކޮށް، ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފި އެވެ.
ކަރަންޓާއި ތެލުގެ ބޭނުންކުރުން މަދުކުރުމުގެ ކުއްލި ފިޔަވަޅެއްގެ ގޮތުން، ޢީދު ޗުއްޓީ އަވަސްކޮށް ހޯމަ ދުވަހުން ފެށިގެން ސަރުކާރު އަދި އަމިއްލަ ހުރިހާ ޔުނިވާސިޓީއެއް ވަނީ ބަންދުކޮށްފަ އެވެ.
ބަންގްލަދޭޝްގެ ތަޢުލީމީ ވުޒާރާއިން ޔުނިވާސިޓީތަކަށް ފޮނުވި ޑައިރެކްޓިވެއްގައި ބުނެފައި ވަނީ "ދުނިޔޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ކަރަންޓާއި ތެލުގެ ބޭނުންކުރުން މަދުކުރުމަށް މި ނިންމުން ނިންމާފައިވާ" ކަމަށެވެ. ޔުނިވާސިޓީ ކެމްޕަސްތަކުގެ ދަނާލުތަކާއި ކްލާސްރޫމްތަކާއި ލެބޯޓަރީތަކާއި އެއާ ކޮންޑިޝަނިން ނިޒާމުތަކުން ގިނަ އަދަދެއްގެ ކަރަންޓު ބޭނުންކުރާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.
ރަމަޟާން މަހާ ދިމާކޮށް ސަރުކާރު އަދި އަމިއްލަ ސްކޫލްތައް މިހާރުވެސް ބަންދުކޮށްފައިވާތީ، މުޅި ގައުމުގެ ގިނަ ތައުލީމީ މުއައްސަސާތައް މި ދުވަސްވަރު ހުންނާނީ ބަންދުކޮށްފަ އެވެ.
ހަކަތައިގެ 95 އިންސައްތަ އެތެރެކުރުމަށް ބަރޯސާވާ ބަންގްލަދޭޝް ސަރުކާރުން ވަނީ ހުކުރު ދުވަހު ތެޔޮ ވިއްކާ މިންވަރު ދުވާލެއްގެ މައްޗަށް ލިމިޓްކޮށްފަ އެވެ. އެއީ ރައްޔިތުން ބިރުން ތެޔޮ ގަނެ ރައްކާކުރަން ފެށުމާ ގުޅިގެންނެވެ. މީގެ އިތުރުން ބޭރުގެ މަންހަޖަށް ކިޔަވައިދޭ ސްކޫލްތަކާއި އަމިއްލަ ޓިއުޝަން ސެންޓަރުތައް ވެސް ހުއްޓާލުމަށް ސަރުކާރުން ވަނީ އަންގާފަ އެވެ.
އެ ގައުމުގައި ގޭހުގެ ތަދުކަން ބޮޑުވެ، ދައުލަތުގެ ފަސް ފާޓިލައިޒާ ފެކްޓަރީގެ ތެރެއިން ހަތަރު ފެކްޓަރީ ހުއްޓާލައި، ލިބެން ހުރި ގޭސް ޕަވާ ޕްލާންޓްތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި 170 މިލިއަން މީހުންގެ އާބާދީ ހިމެނޭ މި ގައުމުން ވަނީ ސްޕޮޓް މާކެޓުން ބޮޑު އަގުގައި އެލްއެންޖީ ގަންނަން ފަށާފަ އެވެ.
ބަންގްލަދޭޝްގެ ހަކަތައާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވީ ކަރަންޓާއި ތެލާއި އެތެރެކުރުމުގެ ސަޕްލައިގައި ހަމަޖެހުން ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ބުރޫތައް އަރައި، ތެލާއި ގޭހުގެ އެކްސްޕޯޓަށް ހުރަސް އެޅި، އަގުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. ޔުނިވާސިޓީތައް ބަންދުކޮށްފައި ބެހެއްޓާނެ މުއްދަތެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހަކަތައިގެ ހާލަތު ރަނގަޅުވެއްޖެ ނަމަ އީދު ޗުއްޓީއަށް ފަހު އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް ބެލެވޭ ކަމަށް ބަންގްލަދޭޝްއިން ބުނެފައިވެ އެވެ.

ހުޅަނގުން ރަމަޟާން މަސް ބަލައިގަތް ގޮތްތަކަށް ނަޒަރެއް!
ސާފުތާހިރުކަން ކުޑަވެ ބިލެތްމާ ޓޭސްޓީ ހުއްޓުވައިފި
ޓްވިންކަލް އޭނާގެ މަންމައަށް ކޮށްދޭން ބޭނުންވާ ކަމަކީ މިއީ!