ރާއްޖެއަށް ތެޔޮ ފޯރުކޮށްދޭ އޮމާންގެ ސަލާލާހް ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީ އަލިފާން ރޯކޮށްލައިފި އެވެ.

އޮމާންގެ ސިވިލް ޑިފެންސްއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނިގޮތުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ވަގުތު ނަގާނެ އެވެ. އެކަމަކު އެއަށް ވުރެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެ ނޫސް އޭޖެންސީން ބުނި ގޮތުގައި މި ހަމަލާގެ ސަބަބުން ތެލާއި ޕެޓްރޯލިއަމް ބާވަތްތައް ފޯރުކޮށްދިނުމަށް ބުރޫއެއް ނާރާނެ އެވެ. އަދި ޝިޕިން ކުންފުނި މާސްކުން ބުނެފައިވާ ގޮތުގައި އެ ބަނދަރުގެ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑައިލައިފަ އެވެ.

އިނގިރޭސިވިލާތުގެ ކަނޑުމަތީ ސެކިއުރިޓީ ކުންފުނި އެމްބްރޭ އިން ފާހަގަކުރި ގޮތުގައި ތެޔޮ ރައްކާކުރާ ތަންތަނަށް ގެއްލުން ލިބުނު ނަމަވެސް ބަނދަރުގައި އޮތް އެއްވެސް ވިޔަފާރި އުޅަނދަކަށް ގެއްލުމެއް ނުލިބެ އެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އޮމާންގެ ސުލްތާނަށް ފޯނުން ގުޅުއްވައި، މި މައްސަލަ ތަހުގީގުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އޮމާންގެ ނޫސް އޭޖެންސީން ބުނި ގޮތުގައި ސުލްތާން ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެކަމާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.