މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.
މިކަން ހާމަކުރެއްވީ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖައިސްވާލް ވިދާޅުވީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް ތެޔޮ ސަޕްލައިކޮށްދިނުމަށް އެދި އިންޑިއާއަށް ހުށަހެޅުންތައް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު އެ ރިކުއެސްޓްތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ،" ޖައިސްވާލް ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ވަނީ ބޮޑު ދަތިކަމަކާއި ކުރިމަތިވެފަ އެވެ. އެއީ އޭޝިއާގެ ގައުމުތަކަށް ތެލާއި ގޭސް އެތެރެކުރުމުގައި ބޮޑަށް ބަރޯސާވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން އެ ކަނޑުއޮޅި ބަންދުވެފައި އޮތުމުންނެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގު އުފުލުމަކީ ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ސަރުކާރުން އިންޑިއާގެ އެހީއަށް އެދިފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދިފަހުން ވިދާޅުވެފައިވަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެލުގެ ކަންކަން މެނޭޖުކުރަނީ އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ދުރާލައި ވިސްނައިގެން ކަމަށެވެ.
މާކެޓަށް އަންނަ ބަދަލުތަކާއި މުދާ ލިބޭނެ އިތުރު މަގުތައް ސަރުކާރުން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އަންނަކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

އިރާގުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ދިންހަމަލާ ކުށްވެރިކޮށްފި
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!
އިތާފުށިން އެއާޕޯޓް އޮޕަރޭޝަންސް ޑައިރެކްޓަރަކު ހަމަޖައްސައިފި