ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަގުތު ދަށްވި ނަމަވެސް، ގްރީން ޒޯނަކަށް ނުދާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލުން ރައްކާތެރި ނޫން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުން ނެތް ކޭސްތައް 20 ޕަސެންޓަށް ވުރެ ދަށްވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު، އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގަައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާ ނުލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް، އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ހުރި ފިޔަވަޅުތައް ފުރަތަމަ ފޭސްގައި ލުއިކުރީ ގްރީން ޒޯނަށް ނުދަނީހެވެ.

"ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަސް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބައޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން،" ޝީނާ ވިދާޅުވި އެވެ.

"ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ފުލް ގްރީން ޒޯންގައި ބަހައްޓައިގެން މަސައްކަތް ކޮށްލެވިއްޖިއްޔާ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ. އަޅުގަނޑުމެން އަދި ސޭފެއް ނޫނޭ ދަންނަވަން މި އުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާކަށެއް."

ޑރ. ޝީނާ ވިދާޅުވީ ބަލިފެތުރުން ބޮޑުތަނުން މަދުކުރެވޭނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލަނބައިގެން ކަމަށެވެ. އަދި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް، ކޮވިޑު-19ގެ ކުރިން އުޅުން ގޮތަށް އާންމު ދިރިއުޅުމަށް ދެވޭނީ މިބައްޔަށް ވެކްސިނެއް ލިބިގެންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޯވިޑްގެ ތެރޭގައި އަމަލުތައް މިބަހައްޓާ ގޮތާއި ނިއުނޯމަލްގައި މި ދަސްވި އާދަކާދަތަކާއެކު އަދި އެބަ ޖެހޭ ދުވަސްކޮޅަކަށް ހިފަހައްޓާލަން. ވެކްސިންއެއް ލިބެންދެން. އެއީ ކުރިއަށް އެންމެ ބޮޑަށް ވިސްނާލަންވީކަމަކީ. ޕޮއިންޓަކީ އަދި ސޭފެއް ނޫނޭ. ނަބަރުތައް މަދުވަނީއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ. "ޔޭސް އެއީ ރަނގަޅު ނިޝާނެއް. އެކަމަކު އަދި ރަނގަޅަށް ކޮންޓްރޯލްވަން ދެން އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް އުޅެލަން އެބަޖެހޭ."

އޭނާ ވިދާޅުވީ ބަލިޖެހޭ މީހުންގެ ނިސްބަތް ގްރީން ޒޯނަށްދާ ހިސާބުން ފިޔަވަޅުތައް އުވާލައިފިނަމަ ބަލިފެތުރެން ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ގްރީން ޒޯނުގައި ވައިރަސްގެ ދެ އިންކިއުބޭޝަން ޕީރިއަޑް ނިމުމުން ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅޭގޮތުން އެޗްޕީއޭއިން ވިސްނާނެ ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގައި އަޅާފައިވަނީ މާހަރުކަށި ފިޔަވަޅުތަކެއް ނޫން ކަމަށެވެ. ނަމަވެސް އެންމެންގެ އަމަލުތައް އުސޫލުތަކާ އެއްގޮތް ނުވުމުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލްކުރެވޭ މުއްދަތު ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރި ފިޔަވަޅުތަކަށް ގިނަ ބޭފުޅުން އަމަލުނުކުރާނަމަ އަޅުގަނޑުމެން ގްރީން ޒޯނަށް ދެވޭނެ ރޭޓުވެސް ކުޑަކޮށް ސްލޯވާހެން ހީވަނީ މިހާރު ޓްރެޖެކްޓްރީ ހުރިގޮތުން ފުރަތަމަ ފިޔަވަޅުތައް އިއުލާންކުރި ދުވަސްވަރު ފުދޭވަރަކަށް ބާރަށް ތިރިވަމުން އައިސް އަނެއްކާ މިހާރު ތިރިވާ ނިސްބަތް ތަންކޮޅެއް މަޑުޖެހިއްޖެ. އެހެންވީމަ އަދިވެސް ހަމަ ހިތްވަރުކޮއްލައިގެން މިހާރުހުރި ފިޔަވަޅުތަކަށް ތަބާވެވިއްޖެޔާ އެގޮތުގައި ދެމިތިބެވޭނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާގެ ވާހަކަތަކާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު މަޝްވަރާކޮށްފައިވާ ގޮތުން ކޭސްތައް އަންނަ ބަދަލުގެ ގިނަ އިންޑިކޭޓާސްތައް ދެ ހަފްތާވަންދެން ގްރީންޒޯނުގައި ހިފެހެއްޓިއްޖަނަމަ، ނޫނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރުލުޔެއް ނުވަތަ ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދެމުންދާނެ ކަމަށާއި ފަހަރަކު ކަމަކަށް ލުއިދިނުމަށްފަހު ފިޔަވަޅުތަކަށް ބަދަލު ގެނައުމުގައި އަންނަ ބަދަލަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ނަޒްލާ ތަރުޖަމާން ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން މަދުކުރުމަށް މިހާރު އަޅާފައިވާ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މާސްކް އެޅުން މަޖުބޫރުކުރުމާއި ރޭގަނޑު 8:00ގެ ފަހުން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރުމުގެ އިތުރުން ރޭގަނޑު 10:00ގެ ފަހުން އާންމުން ބޭރުގައި އުޅުން މަނާކުރުން ހިމެނެ އެވެ.