އދ. ދިގުރަށުގައި ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ހިނގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 2:00 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ އެ ރަށުގައި ހިނގާ ޑައިވް ސެންޓަރަކުން ގޭސް ލީކުވެ، ޖެހިގެން ހުރި އެކޮމަޑޭޝަން ބްލޮކްގައި ރޯވެގެން ކަމަށްވެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://www.facebook.com/reel/884598757895343

ނަމަވެސް އެ ރަށުގައި އެ ހާދިސާ ހިނގި ސަބަބެއް އަދި އެ ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.