ތުހުމަތުކުރެވޭ މަސްބޯޓެއް އަތުލައިގަނެ ފާސްކުރި އިރު 654 ކިލޯ ގްރާމްގެ ޑްރަގާއި ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށް ސްރީ ލަންކާގެ ފުލުހުން ބުނެފި އެވެ.
ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން އަތުލައިގަތް މި ތަކެތީގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުޕީސްއަށް އަރާނެ ކަމަށް ފުލުހުން ލަފާކުރެ އެވެ.
ލަންކާގެ ކަނޑުގެ ސިފައިން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ޑްރަގްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ 478 ކިލޯގެ އައިސް (ކްރިސްޓަލް މެތަމްފެޓަމައިން) އާއި 176 ކިލޯގެ ހެރޮއިން އެވެ. މި ބޯޓު މިހާރު ވަނީ ލަންކާގެ ބަނދަރަކަށް ވައްދާފަ އެވެ.
ޑްރަގްގެ އިތުރުން އެ ބޯޓުން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އަށް ފިސްތޯލައާއި، އޭގެ ދެ މެގަޒިންގެ އިތުރުން ޓީ56 މަރުކާގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 ރައިފަލެއް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ލަންކާގެ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހަތިޔާރު އަތުލައިގަނެވުނު ފަހަރެވެ.
ފުލުހުން ބުނިގޮތުގައި މި ބޯޓު ސިފައިންގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހަފްތާގެ ކުރީކޮޅުގަ އެވެ. އޭގެ ފަހުން ބޯޓު ހިފަހައްޓައި، އިއްޔެގެ ވަގުތެއްގައި ވަނީ ބަނދަރަށް ގެނެސްފަ އެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ޑްރަގްސް އާއި ހަތިޔާރު އަތުލައިގަތް އެއް އޮޕަރޭޝަން ކަމަށް އޮފިޝަލުން ފާހަގަކުރެ އެވެ.

ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
ދުނިޔޭގެ ތާރީހުގައި ތައްޔާރު ކުރެވުނު އެންމެ ދިގު ރޯދަ ސުފުރާ!