ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށް ހުރަސްއެޅޭ ގޮތަށް އީރާނުން ދޭ ހަމަލާތައް ކުރިއަށްގެންދާނަމަ، އެ ގައުމުގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އީރާނުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ހާރްގް އައިލެންޑުގައި ހުރި އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ހުކުރު ދުވަހު ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ފޮނުވަނީ ހާރްގް އައިލެންޑް މެދުވެރިކޮށެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން އެ ރަށުގައި ހުރި ހުރިހާ އަސްކަރީ އަމާޒުތަކެއް މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށާއި، ނަމަވެސް ތެޔޮ އުފައްދާ ވަސީލަތްތަކަށް ގެއްލުމެއް ދީފައިނުވާނެ ކަމަށެވެ.

ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު އަމާންކަމާއެކު ދަތުރުކުރުމަށް އީރާނުން ނުވަތަ އެހެން ފަރާތަކުންވެސް ހުރަސްއަޅައިފިނަމަ، ތެޔޮ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ނިންމި ނިންމުން ވަގުތުން މުރާޖާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި އިންޒާރާއެކު ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ވަނީ އިތުރު ނުތަނަވަސްކަމެއް އައިސްފަ އެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ސިފަކުރާ ގޮތުގައި މިއީ ތާރީހުގައިވެސް ތެޔޮ ސަޕްލައި ކުރުމަށް މެދުވެރިވި އެންމެ ބޮޑު ހުރަހެވެ.

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުން ދިފާއުވުމުގެ އެއްވެސް ގާބިލުކަމެއް އީރާނުގެ ކިބައިގައި ނެތް ކަމަށެވެ. އީރާނުގެ އަސްކަރިއްޔާއާއި އީރާނުގެ މިހާރުގެ ވެރިކަމާއި ގުޅިފައިވާ އެންމެހައި ފަރާތްތަކަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ ހަތިޔާރު ބަހައްޓައި، ގައުމުން ބާކީ އޮތް މިންވަރެއް ސަލާމަތްކުރުން، އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާއެކު، ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މި ހަނގުރާމަ ދިގުދެމިގެންދާނެ މުއްދަތާ މެދު ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެއީ ކަނޑައެޅިގެން ބުނަން އެނގޭ ކަމެއް ނޫން ކަމަށާއި، ބޭނުންވާ މަގްސަދު ހާސިލުވަންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ.

ހާރްގް އައިލެންޑަކީ އީރާނުގެ އައްސޭރިފަށާ 16 މޭލު ދުރުގައި، އަދި ހޮރްމޫޒް ކަނޑުއޮޅިއާ 300 އެއްހައި މޭލު ދުރުގައި އޮންނަ ރަށެކެވެ. ސަރަހައްދުގެ އެހެން ގައުމުތަކުން ތެޔޮ ބޭރުކުރުން މަޑުޖައްސާލާފައިވީ ނަމަވެސް، އީރާނުން ދިޔައީ މި ރަށް މެދުވެރިކޮށް ތެޔޮ ބޭރުކުރަމުންނެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ދުވާލަކު 1.1 މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ އަދަދަކަށް ފީފާ ތެޔޮ ބޭރުކޮށްފައިވެ އެވެ.

އީރާނުގެ އާ ސްޕްރީމް ލީޑަރު މޮޖްތަބާ ޚާމަނާއީ ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ގޮވާލައްވައި، އެހެންނޫންނަމަ އެ ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.

މި ހާލަތާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ހިމާޔަތް ދޭން ފަށާނެ ކަމަށެވެ. އަދި ފަރަންސޭސިވިލާތާއި ވިލާތުގެ އެހެން ގައުމުތަކުންވެސް ދަނީ މިފަދަ އިންތިޒާމެއް ހަމަޖެއްސުމަށް މަޝްވަރާކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެމެރިކާއިން ވަނީ ރަޝިޔާގެ ތެޔޮ ގަތުމަށް ގައުމުތަކަށް 30 ދުވަހުގެ ހުއްދައެއް ދީފަ އެވެ. ނަމަވެސް މި ނިންމުމާ މެދު ޔޫކްރެއިންނާއި ޖީ7 ގެ ގައުމުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ މީގެ ސަބަބުން ރަޝިޔާއަށް ބޮޑު މާލީ ފައިދާއެއް ލިބި، ހަނގުރާމަ ވަރުގަދަކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ދެ ހަފުތާއެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައިގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އީރާނު މީހުންނެވެ. އަދި ލުބުނާނުންވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އިތުރު ސިފައިންނާއި އަސްކަރީ ވަސީލަތްތައް ފޮނުވަމުންނެވެ.