ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 465 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 193 މީހުން ޕޮޒިޓިވްވިއިރު، 242 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 25 މީހަކާއި ސަފާރީއަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 465 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 29،835 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،978 ގައި މިހާރު ހުރިއިރު 24،775 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 146 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހދ. ހަނިމާދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ހުރާ، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ވިލުފުށި، ތ. ގާދިއްފުށި، ސ. ހުޅުމީދޫ، ލ. މާންދޫގެ އިތުރުން ގދ. ތިނަދު އެވެ.