ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކެއްގައި، އެމެރިކާގެ ވައިގެ ސިފައިންގެ ތެޔޮ އަޅައިދޭ ފަސް މަތިންދާބޯޓަކަށް ގެއްލުން ލިބުނު ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނީ، ހަމަލާ އެރި ވަގުތު އެ ބޯޓުތައް އޮތީ ބޭހުގެ ރަންވޭ މަތީގައި ކަމަށެވެ. އެހެންނަމަވެސް ބޯޓުތައް އެއްކޮށް ހަލާކުވެފައި ނުވާ ކަމަށާއި، މިހާރު މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ނޫހުން ފާހަގަކޮށްފައިވެ އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމެރިކާގެ މަތިންދާބޯޓުތަކަށް ގެއްލުން ލިބުނުކަން ރިޕޯޓުކޮށްފައި މިވަނީ މާޗް 12 ވަނަ ދުވަހު އެމެރިކާގެ ކޭސީ-135 މަރުކާގެ ރީފިއުލިން ބޯޓެއް އިރާގުގެ ހުޅަނގު ސަރަހައްދަށް ވެއްޓި ހަ ފަޅުވެރިން މަރުވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. ސެންޓްކޮމް އިން ބުނެފައި ވަނީ އެ ބޯޓު ވެއްޓުނީ އޮޕަރޭޝަން އެޕިކް ފިއުރީ ގެ ތެރޭގައި ދެ ބޯޓު ޝާމިލުވެ ހިނގި ހާދިސާއެއްގައި ކަމަށާއި، ހަމަލާއެއް އަމާޒުވެގެން ނޫން ކަމަށެވެ.

މީގެ އިތުރުން މި މަހުގެ ކުރީކޮޅު ކުވައިތުގައި ވެސް އެމެރިކާގެ ތިން އެފް-15 ފައިޓާ ޖެޓް ވެއްޓިފައިވެ އެވެ. އެ ހާދިސާ ހިނގީ ކުވައިތުގެ ވައިގެ ދިފާއީ ނިޒާމުން އޮޅިގެން ދެވުނު ހަމަލާތަކެއްގެ ސަބަބުން ކަމަށް ރިޕޯޓްކޮށްފައިވާ އިރު، ހަ ޕައިލެޓުން ވެސް ވަނީ ސަލާމަތްވެފަ އެވެ.

އީރާނުން ދަނީ އެ ގައުމަށް އަމާޒުވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، ސަރަހައްދުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ.