އަންނަ މަހު 4 ގައި ބާއްވާ ތިން އިންތިހާބު އެހެން އިންތިހާބުތަކާ ތަފާތުވާނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކިވަކިން ހުންނަ 3 ފޮއްޓަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ރޭ ވިދާޅުވީ ވޯޓުލާ ދުވަހު ކޮންމެ މީހަކަށް ވެސް ވޯޓުލާން 3 ކަރުދާސްކޮޅު ދޭނެ ކަމަށެވެ. އަދި އެ 3 ކަރުދާސްކޮޅު ވެސް ތަފާތު ވާނެ ކަމަށާއި 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލިސްގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް އިން ބުންޏެވެ. ނަމަވެސް ވޯޓު ކަރުދާސް ޗާޕުކުރަނީ ކޮން ބައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އީސީން ބުނިގޮތުގައި އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ އެވެ. އަދި އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އީސީ އިން ނިންމާފައިވެ އެވެ.
މިފަހަރުގެ އިންތިހާބުގައި އީސީން ވަނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބަހައްޓަން ނިންމާފަ އެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އީސީގެ ރައީސް ޒާހިދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބު ކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެ ދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެ ތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބާތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ. ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީ ގޮތުން ފޮނުވަން ޖެހޭ ތަކެތި ވެސް ފޮނުވާ ނިމޭނެ ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ މައްސަލަ ބަލައެއް ނުގަތް!
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!
ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!