އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މި މުއްދަތު އިތުރުކުރަން ނިންމީ، އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނުގައި އެދިފައިވާތީ ކަމަށެވެ. އެހެންކަމުން، އާދިއްތަ ދުވަހުގެ ރޭ މެންދަމު 12:00 ގެ ނިޔަލަށް އޮބްޒާވަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް ފާސް ދޫކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން، ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް ފާސް ދޫކުރާނީ އިންތިހާބުގައި ބަހައްޓާ ޖުމްލަ ވޯޓު ފޮށީގެ އަދަދަށް ވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި ކޮންމެ ހައިސިއްޔަތަކުން ވެސް އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހަކީ އިންތިހާބީ ގޮތުން މުހިންމު ދުވަހެކެވެ. އެ ދުވަހު ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ވެސް ކުރިއަށްދާނެ އެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތަފާސްހިސާބުތައް ވެސް އީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޖުމްލަ 294,876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.

އީރާނުގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު
ކުރު ވާހަކަ: އެ ސިއްރު
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!