މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި އާސަންދައާއި ސަބްސިޑީތަކުގެ އިތުރުން އެހެނިހެން ހިލޭ އެހީތަކަށް ދައުލަތުން ކުރި ހަރަދު ދެ ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހިލޭ އެހީތަކާއި ސަބްސިޑީތަކަށް ދައުލަތުން ވަނީ ޖުމްލަ 2.04 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ކަންކަމަށް ހޭދަކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ތަފްސީލީ ހިސާބުތަކަށް ބަލާއިރު، އާސަންދައާއި މެޑިކަލް ވެލްފެއާގެ ހަރަދު ވަނީ 440 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ސަބްސިޑީއަށް އެކަނި 619 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 37 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ކޮންމެ އަހަރަކު ވެސް އާސަންދައާއި ސަބްސިޑީއަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރެވެ އެވެ. އެގޮތުން، މިދިޔަ އަހަރު އާސަންދައާއި ސަބްސިޑީއަށް ބަޖެޓުކުރި 3.7 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު ޖުމްލަ 6.03 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ ބަޖެޓު ކުރި މިންވަރަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތަކަށް ބޮޑު ސަބްސިޑީއެއް ދެމުން އަންނައިރު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ނިޒާމު އިސްލާހުކުރުމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ލަފާދެމުންނެވެ. މި އަހަރުގެ ބަޖެޓުގައި އެފަދަ އިސްލާހުތަކެއް ގެންނަން ހިމެނި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބަދަލުތައް މިވަގުތު ނުގެންނަން ނިންމަވައިފަ އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މި އަހަރު އެކަނި ވެސް އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ. މީގެ ތެރޭގައި އަންނަ މަހު އެއްފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އައުން މަދުވުން ފަދަ އިގުތިސާދީ ނޭދެވޭ އަސަރުތައް ރާއްޖެއަށް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖޭގައި ވެސް އެފަދަ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް، ސަރުކާރުން ބުނަމުންދަނީ ދައުލަތުގެ ދަރަނި ދެއްކޭނެ ވަރަށް ފައިސާ ހުރި ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ސުވާލާއި ޖަވާބު: ލައިލަތުލް ގަދުރިއަކީ އޮނަހިރި ރެއެއްތަ؟