މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި، އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ގައުމުތަކުން އެ ސަރަހައްދަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލި ގޮވާލުމަށް ގިނަ ގައުމުތަކުން ނޫނެކޭ ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށްފަހު، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި އީރާނުން ވަނީ ގާތްގަނޑަކަށް ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ތެޔޮ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
ރައީސް ޓްރަމްޕް މާޗު 14 ވަނަ ދުވަހު 'ޓްރުތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާ، ފްރާން، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ މިކަމުގެ އަސަރުކުރާ ގައުމުތަކުން އެ ސަރަހައްދަށް މަނަވަރުތައް ފޮނުވަންޖެހޭ ކަމަށެވެ. އަދި މި ކަނޑުއޮޅި ރައްކާތެރި ނުކުރެވިއްޖެނަމަ، އެއީ ނޭޓޯގެ މުސްތަގުބަލަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް އޭނާ އިންޒާރު ދެއްވި އެވެ.
ނަމަވެސް، ޓްރަމްޕްގެ މި އެދުމަށް ބޮޑެތި ގައުމުތަކުން އިޖާބަދީފައި ނުވެއެވެ.
އިނގިރޭސިވިލާތް
ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ، މިކަމާ ގުޅޭގޮތުން އެމެރިކާ އާއި ޔޫރަޕްގެ ބައިވެރިންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ނަމަވެސް އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެ ގައުމުގެ އެނާޖީ ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވީ، ކަނޑުއޮޅި ހުޅުވުމަށް އޮތް އެންމެ ރަނގަޅު މަގަކީ ހަނގުރާމަ ހުއްޓާލުން ކަމަށެވެ.
ޖަރުމަނުވިލާތް
ޖަރުމަނުން ވަނީ މި ހަނގުރާމައަކީ ނޭޓޯއާ ގުޅުންހުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވިދާޅުވީ، މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން ކަމަށާއި، އެމެރިކާގެ ވަރުގަދަ ކަނޑުގެ ސިފައިންނަށް ނުކުރެވޭ ކަމެއް ޔޫރަޕްގެ މަދު މަނަވަރުތަކަކަށް ކުރެވޭނެ ކަމަށް ޓްރަމްޕް އުންމީދު ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.
ދެކުނު ކޮރެއާ އަދި ޖަޕާން
ދެކުނު ކޮރެއާއިން ބުނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މަނަވަރެއް ފޮނުވާނަމަ ޕާލަމެންޓުގެ ހުއްދަ ބޭނުންވާނެ ކަމަށެވެ. ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ވިދާޅުވީ، އަދި ރަސްމީކޮށް އެފަދަ އެދުމެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަންކަން ދިރާސާ ކުރަމުންދާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން
އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލަސް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި އެ ގައުމުތަކުގެ ސިފައިން ނުރައްކަލުގެ ތެރެއަށް ދޫކޮށްލަން އެއްވެސް ގައުމަކުން ބޭނުންނުވާ ކަމަށެވެ. އަދި މިކަމަށް އޮތް ހައްލަކީ ޑިޕްލޮމެޓިކް މަޝްވަރާތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ކަނޑުއޮޅިން ދަތުރުކުރި ބައެއް އުޅަނދުތަކަށް ނޭނގޭ ފަރާތްތަކަކުން ހަމަލާދީފައިވާއިރު، އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމެރިކާގެ މަނަވަރުތަކުން އުޅަނދުތަކަށް ހިމާޔަތް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އަދި އެކަން ފެށިފައެއް ނުވެއެވެ.

ރޯދަ ހިފުމާ ބެހޭގޮތުން ނޯރާ ބުނީ ކީކޭ؟
މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ