އީރާނުގެ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ މުއާމަލާތްތައް ޗައިނާގެ ފައިސާ ކަމަށްވާ ޔުއާން އިން ކުރާނަމަ، ވަކި އަދަދެއްގެ ޓޭންކަރުތަކަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސީއެންއެން އިން ބުނި ގޮތުގައި، އީރާނުގެ އިސް އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ ހަރަކާތްތައް މެނޭޖުކުރުމަށް ތެހެރާނުން އެކުލަވާލާފައިވާ ޕްލޭނެއްގެ ބައެކެވެ. އަދި ދުނިޔޭގެ ތެލުގެ ބާޒާރުގައި އާންމުކޮށް މުއާމަލާތްތައް ކުރަނީ އެމެރިކާ ޑޮލަރުން ކަމަށްވީ ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ރަޝިޔާގެ ތެލުގެ މުއާމަލާތްތައް މިހާރު ކުރަމުންދަނީ ރޫބެލް ނުވަތަ ޔުއާން އިންނެވެ.
ހޯރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ މަގެކެވެ. މި މަގަށް ބުރޫއެރުމުގެ ބިރު އުފެދުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. މި ކަނޑުއޮޅިން ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެލާއި، ދުނިޔޭގެ އެލްއެންޖީ ވިޔަފާރީގެ 20 އިންސައްތަ ތެޔޮ އުފުލަ އެވެ.
އދ. އިން އިންޒާރު ދީފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވުމަކީ އެ ސަރަހައްދުގައި ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިދިޔަ ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން، މާޗް 1 އިން ފެށިގެން އީރާނުން ވަނީ މި ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން 1,300 އަށްވުރެ ގިނަ މީހުން ވަނީ އަވަހާރަވެފަ އެވެ. މި ހާދިސާއަށްފަހު އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފަ އެވެ.

ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި