ވ. އަތޮޅުގައި ރޭ ދަންވަރު ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ލޯންޗެއް ބަންޑުން ޖަހާލައިގެން ރޭ ދަންވަރު 1:15 ހާއިރު ހިނގި ހާދިސާގައި ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ ގޯތަމް ސިންގްހާނިއާ, 60, އަށް އަނިޔާވި އެވެ. ބަންޑުން ޖަހާލީ އޭނާގެ ޔޮޓު، ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އެ ހާދިސާގައި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ބަންޑުން ޖަހާލި ލޯންޗު ދުއްވަން އިނީ ވެސް ގޯތަމް ސިންގްހާނިއާ އެވެ. އެއީ ވަރަށް ބާރު ސްޕީޑެއްގައި ދުއްވަން ތައްޔާރުކޮށްފައި ހުންނަ ސިނގިރެޓު ރޭސިންގެ ލޯންޗެކެވެ.
ގޯތަމް ސިންގްހާނިއާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި މިހާރު އޭނާ ވަނީ އެނބުރި އިންޑިއާއަށް ގޮސްފައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ގޯތަމް ސިންގްހާނިއާ އަކީ ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮންނަ މީހެކެވެ.
ގޯތަމްގެ އިތުރުން އެ ލޯންޗުގައި އިނގިރޭސިވިލާތާއި ރަޝިޔާގެ ދެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނުން ތިއްބެވެ. ލޯންޗުގައި ތިބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ އިންޑިއާގެ ދެ މީހެކެވެ. ގެއްލުނު ދެ މީހުން ހޯދަން އެމްއެންޑީއެފް އިން މިއަދު ވަނީ ޑްރޯންގެ އެހީގައި ވެސް ބައެއް ސަރަހައްދުތައް ބަލާފަ އެވެ.

ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި
ޝައްވާލު މަހުގެ ހަ ރޯދަ ދޫކޮށްލައިގެން ނުވާނެ!
ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި
