ގައިން ގަޔަށް ނާރާ ބަލިތަކުގެ އަސްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ ގޮތެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޑޮކްޓަރު ލަފާ ދެއްވި ނަމަވެސް އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން އެބަދަލު ގެނައުމަކީ ގިނަ މީހުންނަށް ދަތި އުނދަގޫ ކަމެކެވެ. އެފަދަ މީހުންނަށް މި ފިޓްނަސް ކޯޗް އޭނާގެ އަމިއްލަ ދިރިއުޅުމުން ނަމޫނާ ދައްކައިގެން، މި ބުނެދެނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކުރެވިދާނެ ކަމެއް ކަމުގަ އެވެ.
އައިޝަތު ޝާމިލާ ޝަމީމް (ޝާމި) ފިޓްނަސް ކޯޗަކަށްވުމަކީ އޭނާ ކުރަން ވިސްނިކަމެއް ނޫނެވެ. އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރުމަށްފަހު އޭނާ ނިންމީ ލެބޯޓެރީގައި މަސައްކަތް ކުރުމަށެވެ. އެކަމަށްޓަކައި އިންޑިއާގެ "ޑޮކްޓާސް ޑައެގްނޯސްޓިކް އެންޑް ރިސާޗް ސެންޓާ" ގައި "މެޑިކަލް ލެބޯޓަރީ ޓެކްނޮޖީ"ގެ ރޮނގުން ޑިޕްލޮމާ ފުރިހަމަ ކުރި އެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ލެބޯޓަރީ ޓެކްނޮލޮޖިސްޓެއްގެ ވަޒީފާގައި 9 އަހަރު ދުވަހު ހިދުމަތް ކުރި އެވެ. ވަޒީފާއިން ވަކިވީ ދަރިންނަށް ވަގުތު ދިނުމަށެވެ.
ޝާމި ބުނިގޮތުގައި ކުދިން ބަލަން ގޭގައި މަޑުކުރުމުން، ހަށިގަނޑަށް ދޭންވާ ސަމާލުކަން ނުދެވި ބަރުދަން އިތުރު ވާން ފެށި އެވެ. ކަސްރަތު ކުލާސްތަކަށް ގޮސް ޑައެޓް ކުރުމުން ހަށިގަނޑު ހުންނަން ޖެހޭ ބަރުދަނަށް ތިރި ވި ނަމަވެސް އަނެއްކާ އިހު ހުރި ވަރަށް ފަލަވާން ފަށާ ކަމެވެ. ޝާމީގެ ބަރުދަނުގެ މަސައްލައަށް ހައްލެއް ނުލިބި އެކަމުގައި މާޔޫސްވެފައި ވަނިކޮށް، ކޯޗް ފާރިޝްގެ ފަރާތުން މެލޭޝިއާގެ ވެލްނަސް އެކްސްޕާޓްސް އިން 21 ދުވަހުގެ ފިޓްނަސް ޗެލެންޖް ޕްރޮގްރާމް ހިންގާކަން އޭނާއަށް އެނގުނެވެ.
އެ ޕްރޮގްރާމަށް އޭނާ ބޮޑަށް ހިތްޖެހުނީ އޮންލައިންކޮށް ގެންދާތީ އެވެ. ގޭތެރޭގައި ކުދިންގެ ކަންކަން ބަލަމުން ކަސްރަތު ކުރެވޭނެތީ އެވެ. އޭގެ ފަހުން ރާއްޖޭގެ ވެލްނަސް މެޓާސް އާއި ގުޅިގެން 21 ދުވަހުގެ ފިޓްނަސް ޗެލެންޖެއް އިތުރަށް ކުރިއަށް ގެންދިޔަ އެވެ.
އެ ޕްރޮގްރާމްގެ ޒަރިއްޔާއިން އޭނާއަށް ދުޅަހެޔޮކޮށް ހުރުމަށް، ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެން ޖެހޭ ގޮތް އެނގިގެން ދިޔަ އެވެ. އާދަތަކެއް އަށަގަނެވުނެވެ. ވަރަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވީ ބަރާބަރު ހަ މަސް ދުވަހުގެ ތެރޭގައި އޭނާ ހުންނަންވާ ބަރުދަނަށް ހަށިގަނޑު ލުއި ކޮށްލެވުމެވެ.
ޝާމީ ކަސްރަތު ކުރުމަށް ކުރި މަސައްކަތާއި އަދި އެކަމަށް ހުރި ޝައުގުވެރިކަން ފެނި، ވެލްނަސް މެޓާސްގައި ކޯޗްއަކަށް ވުމުގެ ފުރުސަތު އެތަނުގެ ފަރާތުން ދިނެވެ. އެފުރުސަތުގެ ބޭނުންކޮށް އޭނާ ނިންމީ ރާއްޖޭގައި އުޅޭ އޭނާ ފަދަ މީހުން ހޯދައި އެހީތެރިވުމަށެވެ.
ޝާމީގެ ވެއިޓްލޫސް ޓްރާންސްފޮމޭޝަން ޕްރޮގްރާމް
ވެލްނަސް މެޓާސްގައި ދެ އަހަރާއި ހަ މަސް ދުވަހު މަސައްކަތް ކުރުމަށް ފަހު، ޓްރާންސްފޮމޭޝަން ޕްރޮގްރާމް އަމިއްލަ ގޮތުން ފެށުމަށް 2024 ގެ އޮގަސްޓް "ގްރިޓްޒޯން" އޮންލައިން ފިޓްނަސް ޕްލެޓްފޯމެއް ރަޖިސްޓްރީ ކުރި އެވެ. އެ ޕްލެޓްފޯމްގެ ކޯ ފައުންޑަރުންނަކީ ކޯޗް ފާރިޝް، ކޯޗް މަރީ، ކޯޗް މިރޫ އަދި ޝާމި އެވެ.
"އަޅުގަނޑުގެ މަސައްކަތަކީ ދިވެހި މުޖުތަމައުގައި ހެލްދީ ލައިފްސްޓައިލް ޕްރޮމޯޓް ކުރުން. ހޭލުންތެރި ކުރުވުން. އެބަ ފެނޭ އުމުރުން 8 އަހަރާއި 10 އަހަރުގައި ވެސް ވަރަށް ބޮޑަށް ފަލަކޮށް ތިބޭ ކުދިން. އެހެން ގޮސް ފުރާ އުމުރު ފަހަނައަޅައި 30 އަހަރާއި 40 އަށް ގޮސް މުސްކުޅި އުމުރަށް ދާއިރު ވެސް ފަލަކޮށް ބައެއް މީހުން އެބަ ތިބޭ. މިކަމަކީ އަޅާ ނުލެވިއްޖެނަމަ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހި ވާނެ ކަމެއް،" ވަރަށް ކާމިޔާބު ކަމާއެކީ ފަސް އަހަރު ޓްރާންސްފޮމޭޝަން ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޝާމީ ބުންޏެވެ.
ޝާމީގެ ވެލްނަސް ޓްރާންސްފޮމޭޝަން ކަސްރަތު ޕްރޮގްރާމްގައި ހިމެނެނީ ތިން ލެވެލެއެކެވެ. އެއީ ވެއިޓްލޫސް (ބަރުދަން ލުއިކުރުން)، ވެއިޓް ގެއިން (ބަރުވުން) އަދި ވެއިޓް މެއިންޓެނަންސް (އެއް ބަރުދަނެއްގައި ހިފަހައްޓާލުން) އެވެ. އޭގެ އިތުރުން ނިއުޓްރިޝަން ސެޝަންއަކާއި އަދި "ޒުންބާ" ސެޝަން ވެސް ހިމެނެ އެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން "ސްޓްރެންތް ޓްރެއިނިން" ގެ ބޭސިކްސް ވެސް ދަސްކޮށްދެ އެވެ.
ޕްރޮގްރާމް ގެތެރޭގައި ކަސްރަތާއި ކެއުމާއި ދެބައި ހިމެނޭތީ އޭނާ ވަނީ އިންޑިއާގެ 2024 ގައި "އިންޑިއަން އިންސްޓިޓިއުޓް އޮފް ކޮސްމޮޓޮލޮޖީ، އީސްތަޓިކްސް އެންޑް ނިއުޓްރިޝަން" އިން "ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ފުޑް ނިއުޓްރީޝަން އެންޑް ޑައެޓިޓިކްސް" ފުރިހަމަ ކޮށްފަ އެވެ. އަދި ލަންކާގެ ކޮލޮންބޯއިން ޒުންބާ އިންސްޓްރަކްޓާސް ކޯހެއް ވެސް ފުރިހަމަ ކޮށްފަ އެވެ.
"މި ޕްރޮގްރާމްގައި ބަރުދަން އިތުރު ކުރަން ބޭނުންވާ މީހެއްނަމަ ފައިދާހުރި ކާނާ ބޭނުން ކުރުމާއެކު ކަސްރަތު ކޮށްގެން ބަރުދަން އިތުރު ކުރާނެ ގޮތް ކިޔައިދެން. ދެން ބަރުދަން ލުއި ކުރާއިރު އެކި މީހުންނަށް އެކަން ހާސިލްވާ މިންވަރު ތަފާތު ވާނެ. އެއީ އެ މީހެއްގެ ބޮޑީ ޓައިޕް، މެޓަބޮލިޒަމް، އުމުރާ ގުޅޭ ކަމެއް. އަދި ދެ ޖިންސުގެ ދެމެދުގައި ވެސް ބުރުދަން ލުއިވުމަށް ނަގާ މުއްދަތު ތަފާތު ވާނެ. އެހެންވެ އެއްބައި މީހުން އަވަހަށް ލުއިވާއިރު އަނެއްބައި މީހުން ލަހުން ލުއިވަނީ،" ޝާމީ އޮޅުން ފިލުވައިދިނެވެ.
އޭނާ ބުނިގޮތުގައި އޭނާގެ ޕްރޮގްރާމުން ތިން ފައިދާ އެއްވެ އެވެ. އެއީ ޖިސްމާނީ، ނަފްސާނީ އަދި މާލީ ގޮތުންނެވެ. މާލީ ގޮތުން ފައިދާ ވަނީ ފިޓްނަސް ކޯޗެއްގެ ގޮތުގައި ކުރިއަށް ދިއުމަށް "އެމްބެސެޑާ ޓްރެއިނިންގް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދަތީ އެވެ. އެމްބެސެޑާ ޓްރޭނީ ހިނގަނީ މެލޭޝިއާގައި އެ ޕްރޮގްރާމް ހިންގާ ގޮތަށެވެ.
ޝާމި ކޯޗަކަށް ވުމުގެ މަގުސަދަކަށް ވީ ގިނަ ބަޔަކަށް އެހީތެރިވުމެވެ. ގޭގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަމިއްލަ ހަށިގަނޑަށް އަޅާލަން ވަގުތު ނުލިބޭ މީހުންނަށް "ހޯޕް" ހޯދައި ދިނުމެވެ. މި ހާހިސާބަށް އައިއިރު އޭނާގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގައި 300 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ކަސްރަތު ކުރުމަށް އެހީތެރި ވެދެވިފައިވެ އެވެ.
އޭނާ ކޯޗަކަށް ވުމަށް ކުރި މި ދަތުރުގައި އާއިލާގެ އިތުރުން ފިރިމީހާ އަދި ދަރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަން ފާހަގަ ކުރެ އެވެ. އަދި ވެލްނަސް މޭޓާސްގެ ފައުޑާ ކޯޗް ޒުލްގެ އެހީތެރިކަމާއި މެލޭޝިއާގެ ވެލްނަސް އެކްސްޕާޓުންނާއި ކޯޗް ބެން، ކޯޗް ޖޭ، ގްރިޓްޒޯންގެ ކޯޗް ފާރިޝްގެ ފަރާތުން އަބަދު ވެސް ލިބޭ އެހީތެރި ކަމަށް ފަށްފަށުން ޝުކުރު އަދާކުރެ އެވެ.
ޝާމި އެދެނީ މިކަމަށް ޝައުގުވެރިވާ ޒުވާނުން މިމަސައްކަތަށް ނުކުތުމަށެވެ. އޭނާ ފަދައިން ކޮމިއުނިޓީ ސާވިސްއެއް ދިނުމަށެވެ.

ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
އީރާނުން ޑީއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި