ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 402 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 174 މީހުން ޕޮޒިޓިވްވިއިރު، 179 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން ހަ މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 43 ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 402 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 30،237 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 5،221 ގައި މިހާރު ހުރިއިރު 24،934 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 161 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހއ. ދިއްދޫ، ހދ. ހަނިމާދޫ، އދ. ދަނގެތި، ކ. ހިންމަފުށި، ކ. މާފުށި، ކ. ހުރާ، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ވިލުފުށި، ތ. ގާދިއްފުށި، ލ. ގަން، ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. މާންދޫ، އައްޑޫ ސިޓީގެ އިތުރުން ގދ. ތިނަދު އެވެ.