އެމެރިކާގައި ރެކޯޑް ކުރެވޭ ކޮވިޑްގެ މަރުތައް ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

ފާއިތުވި ހަފްތާގައި އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު އެވްރެޖްކޮށް އުޅެނީ 670 ގަ އެވެ.

މިއީ ފާއިތުވި ޖުލައި މަހުގެ ފަހުން އެގައުމުގައި އެ އަދަދު އެންމެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ޖެނުއަރީގެ ފަހުން 80 އިންސައްތައިގެ ދަށްވުމެއް ރެކޯޑު ކުރެވިފައިވާއިރު ސިއްހީ މާހިރުން ދެކިލައްވާ ގޮތުގައި މި ނަމްބަރުތަކަށް މަގުފަހިވީ އެގައުމުގެ ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުންނެވެ.

އެމެރިކާގެ ނޯތު ވެސްޓަން ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތު އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ރޮބާޓް މުރްފީ ވިދާޅުވީ ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުން ހާލަތަށް ބަދަލު އައިސްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ރޮބާޓް ވިދާޅުވީ އެ ގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝްން އިން ހެދި ދިރާސާއެއްގައި ބައޯންޓެކާއި ފައިޒާ އަދި މޮޑޭނާ ވެކްސިނަކީ ކޮވިޑުން 94 އިންސައްތަ ރައްކާތެރި ކޮށްދޭ ވެކްސިނެއްކަން ދައްކާފައިވާ ކަމަށެވެ.

އޮފިޝަލުން އިތުރަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުތައް ފަދަ ގިނައިން ވެކްސިން ޖަހާފައިވާ އާބާދީތަކުގައި މަރުވާ މީހުންގެ އަދަދު މަދު ނަމަވެސް ގައުމީ ފެންވަރެއްގައި މި އަދަދުތައް ދަށަށް ދާން އަދި ވަގުތު ނަގާނެ ކަމަށާއި އެކަމަށް އަދިވެސް ގިނަ ބަޔަކު ވެކްސިން ޖަހަން ޖެހޭނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ފާއިތުވި ހުކުރު ދުވަހާ ހަމައަށް އެމެރިކާގައި 100 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާއިރު އިތުރު 45 މިލިއަން މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.