ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ "ސްލޯ" ކަންނުވާ މީހުން އުފައްދާ ޕާޓީއެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު މިއޮތް ސަރުކާރު ނުހިންގި "ދަބަރަށް" ވެ ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުން މިހާރު ބޭނުންވަނީ އާ ވެރިޔަކު ގައުމުގެ ހިންގުމާ ހަވާލުވެ ބުރަކި ޖެހިފައިވާ ކަންކަން ހިނގައިގަންނާނެ ދުވަހަކަށް ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ، އެމްޑީޕީއަކީ "ސްލޯ" ނުވަތަ ނަތީޖާ ނެރުމުގައި ލަސްކަމެއް އުޅުއްވާ ލީޑަރުން އުފައްދާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ލީޑަރުންނަށް އެންމެ ބޮޑަށް ފާޑުކިޔަނީ ވެސް އެމްޑީޕީގެ ސަޕޯޓަރުން ކަމަށެވެ.

"ސަރުކާރު ނުހިންގި ދަބަރައްވެ ނިމިއްޖެ، މިހާރު ރައްޔިތުން އުންމީދު ކުރަމުންދަނީ އާވެރިޔަކު ގައުމު ހިންގުމާ ހަވާލުވެ ބުރެކިޖެހިފައިވާ ކަންކަން ހިގައިގަންނާނެ ދުވަހަކަށް، އެމްޑީޕީއަކީ ސުލޯ ކަންނުވާ ލީޑަރުން އުފައްދާ ޕާޓީއެއް.ސަރުކާރަށް މިހާރު އެންމެ ގަދަޔަށް ބަވަނީ އެމްޑީޕީ ކުދީން" މަލީހު ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން މަލީހް ދުރުކުރީ، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ފާސްކޮށްގެންނެވެ. އިތުބާރު ނެތްކަމުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކާއި ގުޅިގެން މަލީހު ދެއްކި ވާހަކަތަށް ގިނަ ބަޔަކު ސިފަ ކޮށްފައި ވަނީ ވަރަށް އިލްމީ ބަހުސްއެއްގެ ގޮތުގަ އެވެ.