ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅުމަށް ހަދާފައިވާ އެޕާޓްމަންޓެއްގައި، އުސޫލުތަކާ ހިލާފަށް ވިޔަފާރި އުސޫލުން ލޯންޑްރީއެއް ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާންމު ރެޒިޑެންޝަލް ފްލެޓެއްގެ ތެރޭގައި މިފަދަ ކޮމާޝަލް ލޯންޑްރީ ފެކްޓްރީއެއް ހިންގަމުންދަނީ ސަލާމަތީ ގޮތުން ނުރައްކާތެރި އަދި އަވަށްޓެރިންނަށް އިންތިހާއަށް އުނދަގޫވާ ގޮތަށެވެ.

މި ލޯންޑްރީ ހިންގުމުގެ ސަބަބުން ކައިރީގައި ހުރި އެޕާޓްމަންޓްތަކަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށް އެތަނުގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ. އޭގެ ތެރޭގައި:

  • ބޭނުންކުރާ މެޝިންތަކުގެ ސަބަބުން ކައިރީގައި ހުރި ފްލެޓްތަކުގެ ފާރުތައް އިންތިހާއަށް ހޫނުވުން.
  • ލޯންޑްރީން ބޭރުވާ ގޭހުގެ ވަސް މުޅި ސަރަހައްދުގައި ހިފާފައި ހުރުން.
  • މެޝިންތައް ހިންގާ އަޑު ގަދަވުމުގެ ސަބަބުން އަބަދުވެސް ނުތަނަވަސްކަން ކުރިމަތިވުން.

މި މައްސަލަ އެތައް ފަހަރަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިދާރާގެ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމީހުން ބުނެ އެވެ. މީހުން ދިރިއުޅުމަށް ހާއްސަކޮށްފައިވާ ތަނެއްގައި މިފަދަ ސިނާއީ މަސައްކަތެއް ކުރުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.