ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އިންޑިއާގެ ރައްޔިތުންނަށް ލިބޭ ތަކްލީފުތައް ކުޑަކުރުމަށާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން ޕެޓްރޯލާއި ޑީސަލުން ނަގާ އެކްސައިޒް ޑިއުޓީ ކުޑަކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
މި ބަދަލާއެކު، ޕެޓްރޯލް ލީޓަރަކުން ނަގާ ހާއްސަ ޑިއުޓީ 13 ރޫޕީސް އިން 3 ރޫޕީސް އަށް ވަނީ ދަށްކޮށްފަ އެވެ. އަދި ޑީސަލް ލީޓަރަކުން ނަގަމުން އައި 10 ރޫޕީސްގެ ޑިއުޓީ ވަނީ އެއްކޮށް އުނިކޮށްފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ނުވަތަ ކުރޫޑް އޮއިލް ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގާތަށް ދިއުމުގެ ސަބަބުން މެދުވެރިވި ހާލަތެކެވެ. އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ އަންނަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ކޮންމެ 15 ދުވަހަކުން ސަރުކާރުގެ އާމްދަނީން 70 ބިލިއަން ރުޕީސް އުނިވާނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް، ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ތެލާއި ޑީސަލް އެކްސްޕޯޓް ކުރުމުން ނަގާ ޓެކްސް އިތުރުކޮށްގެން އޭގެ ތެރެއިން 15 ބިލިއަން ރުޕީސް އަނބުރާ ހޯދޭނެ ކަމަށް ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ ޗެއާމަން ވިވެކް ޗަތުރްވެދީ ވިދާޅުވި އެވެ.
އިންޑިއާގެ ތެލާ ބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ތެޔޮ ކުންފުނިތަކަށް ލިބޭ ބޮޑު ގެއްލުން ކުޑަކުރުމަށް ސަރުކާރުން މިވަނީ ބޮޑު ގުރުބާނީއެއް ވެފައި ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.
މި ނިންމުމާ ގުޅިގެން އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ވިދާޅުވީ، ގައުމުން ޕެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ހުސްނުވާނެކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ތެޔޮ މާކެޓްކުރާ ކުންފުނިތަކަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"
ގޭގައި ހިފާ ގެންގުޅޭ މި ތަކެތި ގަވާއިދުން ދޮންނަން ޖެހޭނެ!
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!