އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކާ މެދު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ގެންގުޅޭ "ފަރުވާކުޑަ" ސިޔާސަތު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަގާއީ ކުށްވެރިކުރައްވައިފި އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނިގޮތުގައި ބަގާއީ ވަނީ އެމެރިކާ އާއި އިޒްރޭލުން ހިންގާ މިފަދަ އަމަލުތަކަކީ ބޮޑެތި "ޖަރީމާތަކެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި މި ހަމަލާތަކާ މެދު ބައިނަލްއަގުވާމީ ނިއުކްލިއާ އިދާރާއިން އެކަށީގެންވާ ފިޔަވަޅެއް ނާޅާ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީއަށް ފާޑުވިދާޅުވަމުން ބަގާއީ ވިދާޅުވީ ގްރޮސީ ގެންގުޅުއްވަނީ ވަރަށް ނުބައި މިސްރާބެއް ކަމަށެވެ.
"އިސްތިއުމާރީ ބާރުތަކުގެ އަމަލުތައް ކުށްވެރިކުރުމުގެ ބަދަލުގައި، އޭނާގެ އިންޓަވިއުތަކުގައި ބޭނުންކުރައްވާ ބަސްމަގުގެ ސަބަބުން މައްސަލަތައް އިތުރަށް ގޯސްވެގެންދޭ،" ބަގާއީ ވިދާޅުވި އެވެ.
މީގެ އިތުރުން، ގްރޮސީގެ ކިބައިގައި މިފަދަ މައްސަލަތައް ހައްލުކުރުމުގެ "އަޒުމެއް" ނެތް ކަމަށާއި، އޭނާއަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް އީރާނުގެ ތަރުޖަމާނު ތުހުމަތުކުރެއްވިއެވެ. މި މައްސަލައިގައި އައިއޭއީއޭ އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
ހެރީ ޕޮޓާއަށް ބޮޑު ސަމާލުކަމެއް!
ގޭންގެއްގެ އިންޒާރަކާއެކު ގެ ދޫކޮށް ދާން ޖެހުނު: ވަރުން