ކައުންސިލް އިންތިހާބާއި ބޮޑު ދެ އިންތިހާބު އެއްކޮށްލާ ވޯޓު ކައިރިވެފައި ވަނިކޮށް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފެށުން އިތުރުވަމުންދަނީ އިއްތިފާގެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުތަކުގެ ބިންގާ އެޅުން ކުރިއަށްދަނީ ކުރިންވެސް ރޭވިފައި އޮތް ގޮތަށް ކަމަށާއި، ވޯޓެއް ކައިރިވުމަކީ ދައުލަތުގެ ބަޖެޓުން ހިންގަންޖެހޭ މަސައްކަތްތައް މެދުކަނޑާލަން ޖެހޭ ސަބަބެއް ނޫނެވެ. މިދިޔަ އަހަރާއި މި އަހަރު ފާހަގަކުރެއްވީ ސަރުކާރުގެ ވަޢުދުތައް ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށުމަށް ކަނޑައެޅިފައިވާ ދެ އަހަރުގެ ގޮތުގަ އެވެ.

ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއެއް ވެސް ހިންގަނީ ކުއާޓާތަކަށް ބަހާލައިގެން ތާވަލުކޮށްގެން ކަމަށާއި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށި މަސައްކަތްތަކަކީ އެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަންކަން ކަމަށެވެ. މީގެ އިތުރުން، މި ސަރުކާރަކީ އިންތިހާބަށް ކަޑަޖަހާ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތެވެ. ނަމަވެސް މާލޭގެ ކެމްޕޭނުގައި ރައީސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާއިރު، ފަސްޓްލޭޑީ ސާޖިދާ އިސްކޮށް ހުންނަވާ، ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ދަނީ ރަށް ރަށުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބާ ގާތްވެފައި ވާއިރު، މި ހަފްތާގައިވެސް އެކި މަޝްރޫއުތައް އިއުލާން ކުރުމާއި ބިންގާއެޅުމުގެ ހަފްލާތައް ވަނީ ބާއްވާފަ އެވެ.