މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދަތިކަން އިތުރަށް ބޮޑުވަމުންދާތީ، ކަރަންޓު ހަރަދު ކުޑަ ކުރުމުގެ ގޮތުން އޮފީސްތަކުގެ ބޮކިތައް ނިއްވާލުމަށާއި އެއާކޮންޑިޝަނަރުތައް މަޑުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ސިވިލް ސާވަންޓުންނަށް އަންގައިފި އެވެ.

ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްއަކީ ބޭނުންވާ ތެލާއި ގޭހުގެ 95 އިންސައްތަ އިމްޕޯޓް ކުރާ ގައުމެކެވެ.

މިނިސްޓްރީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ވަނީ އޮފީސްތަކަށް ހާޒިރުވުމާއި، ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމާ ގުޅޭ ގޮތުން ގިނަ އެންގުންތަކެއް ނެރެފަ އެވެ. އެ މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ސަހާވަތު ހުސައިން އޭއެފްޕީ އަށް މައުލޫމާތު ދިން ގޮތުގައި، މި އެންގުންތައް ނެރެފައިވަނީ ހޯމަ ދުވަހު އެވެ.

އެ އެންގުންތަކުގައި ވަނީ، އޮފީސްތަކުގައި ހަމައެކަނި ކޮންމެހެން ބޭނުންވާ މިންވަރަށް ބޮކި، ފަންކާ، އެއާކޮންޑިޝަނަރު އަދި އެހެނިހެން ކަރަންޓު ސާމާނު ބޭނުންކުރުމަށް އިރުޝާދު ދީފަ އެވެ.

މީގެ އިތުރުން، އޮފީހުން ނުކުންނައިރު ބޮކިތައް ނިއްވާލުމަށް މުވައްޒަފުންނަށް ހަނދާންކޮށްދީފައިވާއިރު، އޭސީތަކުގެ ފިނިހޫނުމިން 25 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތީގައި ބެހެއްޓުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ބަންގްލަދޭޝް ސަރުކާރުން ބުނެފައިވާ ގޮތުގައި، ހަކަތައިގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ ލޯނު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ތެޔޮ ގަނެވޭނެ މިންވަރު ކަނޑައެޅުމާއި، ގިނަ އަދަދެއްގެ ގަސްކާނާ އުފައްދާ ފެކްޓްރީތައް ހުއްޓާލުމުގެ އިތުރުން، ފިއުލް ސްޓޭޝަންތައް ބެލެހެއްޓުމަށް ފުލުހުން ނެރުން ހިމެނެ އެވެ.