ކުޅުދުއްފުށި ސިޓީ އާއި އއ. ހިމަންދޫ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ފްލޫ ކްލިނިކަށް ދެއްކި މީހަކާ އެކު ޖުމްލަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ބުންޏެވެ. އަދި ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މާލެ ދަތުރުކުރާ ދޯންޏެއްގައި މަސައްކަތް ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށް ހިމަންދޫ ކައުންސިލުން ބުންޏެވެ.

"މިރަށުން ރެންޑަމް ސާމްޕަލް ނެގިއިރު، އޭނާގެ ސާމްޕަލް ވެސް ނަގައި ޓެސްޓް ކުރީ. ނަތީޖާ ލިބުނީ ޕޮޒިޓިވް ކަމަށް،" ހިމަންދޫ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

ހިމަންދުއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 15 ވަރަކަށް މީހުންގެ ސާމްޕަލް މިހާރު ވަނީ ނަގާފަ އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވް މީހުން އަންނަނީ ފެންނަމުންނެވެ. އެކަމާ ގުޅިގެން 20 އަކަށް ވުރެ ގިނަ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިއަދު އެޗްޕީއޭ އިން ވަނީ މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ކުރުން މަނާކޮށްފަ އެވެ.