އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ޓޫރިސްޓަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:59 ގައި ކަމަށެވެ. މި ހާދިސާގައި މަރުވެފައި ވަނީ ޖަރުމަނުގެ ފިރިހެނެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވޭލް ޝާކް ޕޮއިންޓަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގްބޫލު ތަނެކެވެ.

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އއ. އަދި އދ. އަތޮޅުގައި ކަނޑުމަތީގެ މި ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ.

ހާއްސަކޮށް، ފެހުރިހި ބަލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ގައި ގިނަ އެވެ. އެހެންވެ، އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ.