ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 508 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 276 މީހުން ޕޮޒިޓިވްވިއިރު، 185 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 12 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 32 މީހެއްގެ އިތުރުން ސަފާރީއަކުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 508 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 30،745 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 5،594 ގައި މިހާރު ހުރިއިރު 25،068 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 172 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިއަދު ވަނީ މަނާކޮށްފަ އެވެ.