ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު އާދަޔާ ހިލާފަށް ހޫނުގަދަވެއްޖެ އެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މެންދުރުގެ ވަގުތެއްގައި މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން (ފީލްސް ލައިކް ޓެމްޕަރޭޗާ) ވަނީ 43 ޑިގްރީ ސެލްސިއަސްއަށް އަރާފަ އެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ރާއްޖޭގެ އުތުރުގެ ރަށްތަކުގައިވެސް ހޫނުމިން ހުރީ އާދަޔާ ހިލާފަށް މަތީގަ އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން ނިކުންނަ އާންމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާ މަރުކަޒުތަކުގައި ވީހާވެސް ބޮޑަކަށް ފިނިކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި ވޯޓުލާން ކިޔުގައި ތިބޭއިރު ހޫނުން ރައްކާތެރިވުމަށްޓަކައި ކުޑަ ބޭނުންކުރުމަށާއި، ގިނައިން ފެން ބުއިމަށް އެ ކޮމިޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އާންމުކޮށްވެސް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ސިއްހީ މާހިރުންވެސް ވަނީ ބޭރަށް ނިކުމެ އުޅޭއިރު އަވިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދީފަ އެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.