ޕާކިސްތާނަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާއެކު އައި ބިންހެލުމެއްގައި ބޮލީވުޑްގެ މަޝްހޫރު އާއިލާއެއް ކަމަށްވާ ކަޕޫރު އާއިލާގެ މުސްކުޅި ގޭގެ ބައެއް ބިމާ ހަމަވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޕެޝާވަރުގައި ހުންނަ އެ ގޭގެ އެއް ބައި ބިމާ ހަމަވީ މިދިޔަ ހުކުރު ދުވަހު އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކެއްގެ ސަބަބުން އެ ރޭގެ ވަގުތެއްގަ އެވެ.

އެގޮތުން އެ ގެއަށް ލިބުނު ގެއްލުންތަކާއެކު އެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރައްޔިތުންގެ ސަލާމަތާމެދު ޕެޝާވަރު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގަރުނަކަށްވުރެ ގިނަ ދުވަސް ވެފައިވާ އެ ގެއަކީ ބޮލީވުޑްއާ އޮތް ގުޅުމުގެ އިތުރުން އެ ސަރަހައްދުގެ ސަގާފަތާއި ތަރިކައާ ވެސް ގުޅިލާމެހިފައިވާ ތަނެކެވެ.

ތާރީހު ބުނާ ގޮތުގައި އެ ގެ އެންމެ ފުރަތަމަ ނިސްބަތްވީ ކަޕޫރު އާއިލާއިން ބޮލީވުޑަށް ތައާރަފްވި އެންމެ ފުރަތަމަ މެމްބަރު ޕްރިތްވީރާޖް ކަޕޫރަށެވެ.

އޭގެ ފަހުން އެ އާއިލާއިން ނުކުތް ކޮންމެ ޖީލެއްގައި ވެސް ބޮލީވުޑްގެ ކާމިޔާބު ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާޖް ކަޕޫރު، ރިޝީ ކަޕޫރު އަދި ރަންބީރު ކަޕޫރު ހިމެނެ އެވެ.