ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ 42 ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ.

ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު އެއްވެސް ފްލެޓެއް އަޅާފައެއް ނުވެ އެވެ. އެހެންވެ, އެ މީހުންނަށް ފަހުން ފްލެޓް ހަމަޖައްސައިދިނީ ސަރުކާރުންނެވެ.

އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖެ ގެނެސް, ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން އޭނާގެ. މައްޗަށް ކުރި އެވެ.

އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އަދި ކްރިމިނަލް ކޯޓުން ހުކުމްކުރީ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ގަސްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި ކުރިން ހައްޔަރުކުރި އައްމަޓީ ފަހުން ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.