މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ފޯރައި، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.
އޭޑީބީން މި މަހު ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ރާއްޖޭގެ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 ޕަސެންޓްގައި ކުރިއަރާފައިވީ ނަމަވެސް، މި އަހަރު އެ ނިސްބަތް އެއް ޕަސެންޓަށް ދަށަށް ދާނެ ކަމަށް އޭޑީބީން އަންދާޒާ ކުރެ އެވެ. އެހެން ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅިއްޖެނަމަ، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ތިން ޕަސެންޓަށް އުފުލޭނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.
އިގުތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމުގެ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަސް ޕަސެންޓަށް އުފުލޭނެ އެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު، މިހާރުގެ ސަރުކާރުން މި މަހު ދެއްކުމަކީ ދަރަނީގެ ހާލަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރެ އެވެ. ނަމަވެސް، މި ފައިސާ ދެއްކުމާ ގުޅިގެން ބޭރު ފައިސާގެ ރިޒާވަށް ކުރާނެ އަސަރާއި، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ރިޒާވަށް އޮތް ބޮޑު ޕްރެޝަރެއް ކަމަށް ބުނެފައިވެ އެވެ.
އޭޑީބީން ހާމަކުރި ގޮތުގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 ޕަސެންޓުގަ އެވެ. ބޭރުން އިތުރު ދަރަނި ހޯދުމުގެ ފުރުސަތުތައް ހަނިވެފައިވުމާއެކު، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުން މުހިންމު ކަމަށް އެ ރިޕޯޓުގައި ބާރުއަޅާފައިވެއެވެ.
އިގުތިސާދީ މިފަދަ ދަތިތަކެއް ހުރި ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން 10 ޕަސެންޓް ކުރިއަރާފައިވާއިރު، ހަނގުރާމައިގެ ހާލަތުގައި ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުވާނެ ކަމަށް އޭޑީބީން އުންމީދު ކުރެ އެވެ.
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދައިފި
ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތް ނިމުމަކާ ހަމައަށް
ބީއެމްއެލްގެ އެހީގައި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް