މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑިބީގެ ކްރެޑިޓް ކާޑު ވަގަށް ނަަގައި އެ ކާޑުން 60،000 އަށްވުރެ ބޮޑު އަދަދެއްގެ ވިޔަފާރި ކޮށްފި އެވެ.

ދާދި ފަހުން ކާޑިބީ ބޭއްވި އިންސްޓަގްރާމް ލައިވްއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ އެެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ގެއްލިފައިވާ ކަމަށެވެ.

އެގޮތުން އެ ކާޑުން 40،000 ޑޮލަރުގެ ޑިޒައިނަރު ހެދުމާއި އެޕަލް ސްޓޯރަކުން 20،000ގެ އަގުބޮޑު މުދާ ގަނެފައިވާ ކަމަށް ކާޑިބީ ބުންޏެވެ.

ކާޑިބީ ވަނީ އެ ވައްކަމުގެ ފަހަތުގައިވާ މީހުން ހޯދައި އެމީހުންނަށް ހަރުކަށި އަދަބު ދިނުމުގެ ގޮތުން ޖަލަށް ލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އެގޮތުން އެކަން ކުރި މީހުންގެ ފޮޓޯއާއި ވީޑިއޯ ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އެ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ނުކުރަނީ ކަމަށް ވެސް އޭނާ ބުންޏެވެ.

ކާޑިބީއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މިލިއަނަރެއް ނަމަވެސް އޭނާގެ ހަރަދުތައް ވަރަށް ބަލައިގެން ކުރާ ކަމަށް އެކި ފަހަރު މަތިން ކާޑިބީ ބުނެފައިވެ އެވެ.