ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުފަތުރު ކުރުމުގައި ދީފައިވާ ލުއިތަކައް މެދުކަނޑާލައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުފަތުރު ކުރުމުގައިދޭ ލުއިތަކަށް އަމަލުކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިތާ ދެ ހަފްތާ ވުމުން ބަލި އޮތް ރަށަކުން ބަލި ނެތް ރަށްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތަށް މީގެކުރިން ވަނީ ހަމަޖައްސާފަ އެވެ.

އަދި އެރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިން ޖަހާފައިވާ ރަށްތަކަށް ވެކްސިން ނުޖަހާ މީހުންނަށް ވެސް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ. އެގޮތުން އިންޑިއާ އިން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޕީސީއާރް ޓެސްޓެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭގޮތް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެންހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެވޭނެ އިންތިޒާމް ހަމަޖައްސަން ވެސް ވަނީ ނިންމާފަ އެވެ.

ރޭގަނޑު 12އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޕާކުތަކާއި މައިޒާންތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

މީގެއިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް، އަދި މާސްކު އަޅައިގެން ނަމާދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.