ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމުގެ މަޝްވަރާތައް މިވަގުތު ކުރިއަށް ގެންދަން ރާއްޖެއިން ދެކޮޅު ހަދައިފި އެވެ.
އިއްޔެ ބޭއްވި ސާކްގެ ފޮރިން މިނިސްޓަރުން ނުރަސްމީ ބައްދަލުވުމުގައި ޕާކިސްތާނުން ވަނީ އެ ގައުމުގައި 19 ވަނަ ސާކް ސަމިޓް ބޭއްވުމުގެ މަޝްވަރާ ކުރިއަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެކަމަށް ފާޅުގައި ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ސާކް ސަމިޓް ޕާކިސްތާނުގައި ބޭއްވުމުގެ މަޝްވަރާ ކުރިއަށް ގެންދަން މިއީ ރަނގަޅު ވަގުތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވާތީ ކަމަށް ޝާހިދު ވިދާޅުވި ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
ޕާކިސްތާނުގެ އިސްލާމް އާބާދުގައި 2016 ވަނަ އަހަރު ބާއްވަން އުޅުމަށް ފަހު ކެންސަލްކުރި 19 ވަނަ ސާކް ސަމިޓްގެ ކުރިއަށް އަލުން ބޭއްވޭތޯ ޕާކިސްތާނުން މަސައްކަތް ކުރާތާ ހަތަރު އަހަރު ވެއްޖެ އެވެ. އެ އަހަރުގެ ސާކް ސަމިޓް ކެންސަލްކުރީ އިންޑިއާ ސިފައިންގެ ކޭމްޕަކަށް ޓެރަރިސްޓުންތަކެއް ދިން ސާޖިކަލް ހަމަލާއާ ގުޅިގެން އިންޑިއާ އާއި ރާއްޖެ އާއި ސާކްގެ ގިނަ ގައުމުތަކުން އެ އަހަރުގެ ސަމިޓް ބޮއިކޮޓް ކުރުމުންނެވެ. އޭގެފަހުން ސާކްގެ އެއްވެސް ސަމިޓެއް އަދި ކުރިއަށް ނުގެންދެވެ އެވެ.