ހޮލީވުޑްގެ އެކްޝަން ތަރި ޓޮމް ކްރޫޒްގެ އާ ފިލްމު "ޑިގާ"އަށް އޭނާގެ ސިފައަށް ގެނެސްފައިވާ ބޮޑު ބަދަލާއެކު މުޅި ދުނިޔެ ހައިރާން ކޮށްލައިފި އެވެ.
ލަސްވޭގަސްގައި މިހާރު ކުރިއަށްދާ "ސިނަމާކޮން 2026" އިވެންޓުގައި މި ފިލްމުގެ ފުރަތަމަ މަންޒަރުތައް ދައްކާލާފައިވާއިރު، ޓޮމް ކްރޫޒް ފެންނަނީ މުޅިން ތަފާތު ސިފައެއްގަ އެވެ.
މަޝްހޫރު ޑައިރެކްޓަރު އަލެހަންދްރޯ ގޮންޒާލޭޒް އިނާރިޓޫ ޑައިރެކްޓްކުރާ މި ފިލްމުގައި ޓޮމް ކްރޫޒް ފެންނަނީ އޭނާގެ އާންމު "ހޭންޑްސަމް" ސިފައާ މުޅިން ތަފާތުކޮށެވެ.
ސިނަމާކޮންގައި ދެއްކި ޓްރެއިލާގައި ޓޮމް ކްރޫޒް ފެންނަނީ އޭނާކަން ދެނެގަންނަން ވެސް އުނދަގޫވާ ވަރުގެ ބޮޑު ބަދަލަކާ އެކުގަ އެވެ.
އެގޮތުން މަދުވަމުންދާ ހުދު ނުވަތަ ނުރަ އިސްތަށިގަނޑެއް ލިބިފައިވާއިރު އާންމުކޮށް ފިޓްކޮށް ހުންނަ ޓޮމް މި ފިލްމުގައި ފެންނަނީ "ބިއަރ ބެލީ" އެއް ނުވަތަ ބޮޑު ބަނޑަކާ އެކުގަ އެވެ.
އެއާއެކު އުމުރުން ދުވަސްވީ މީހެއްގެ ސިފަ ގެނައުމަށް މޫނަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން އޭނާ މި ފިލްމުގައި ވާހަކަދައްކަނީ އެމެރިކާގެ ދެކުނު ސަރަހައްދުތަކުގެ މީހުން ވާހަކަދައްކާ ރާގަކަށެވެ.
މި ފިލްމަކީ "ޑާކް ކޮމެޑީ" އެކެވެ. ޓޮމް ކްރޫޒް ކުޅެނީ ޑިގަރ ރޮކްވެލް ނަމަކަށް ކިޔާ މުއްސަނދި "ބިލިއަނަރު" އޮއިލް ބެރަންއެއްގެ ރޯލެވެ. އޭނާގެ ކުންފުނީގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ ބޮޑު ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ މަސައްކަތްކުރާ ގޮތް މި ފިލްމުން ފެނިގެންދާނެ އެވެ.
ޑައިރެކްޓަރު އިނާރިޓޫ ބުނި ގޮތުގައި، ޓޮމް ކްރޫޒްއަކީ ނުރައްކާތެރި ސްޓަންޓްތައް ޖެހިލުމެއް ނެތި ކުރާ މީހެއްކަން އެންމެން ދަނެ އެވެ. ނަމަވެސް، މި ފިލްމުގެ ކެރެކްޓަރަށް އޭނާ ވީ ގުރުބާނީއަކީ "އެހެން ކަހަލަ ޖެހިލުންކުޑަ" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުން ފެންނަ އެހެން ތަރިންގެ ތެރޭގައި ޖޯން ގުޑްމަން، ސަންޑްރާ ހުލާ، ޖެސީ ޕްލެމަންސް، ރިޒް އަހުމަދު އަދި އެމާ ޑާސީ ހިމެނެ އެވެ.
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ
ޔޫރޭނިއަމްއާއި ގުޅުވާ ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު